ޔޫކްރެއިންގައި ތިބި 15 ދިވެއްސަކު ހަންގޭރީއަށް އެތެރެވެއްޖެ

ޔޫކްރެއިންގައި ތިބި15 ދިވެއްސަކު ހަންގޭރީއަށް އެތެރެވެއްޖެ އެވެ. ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ15 މީހުންނަކީ ޔޫކްރެއިންގެ އިވަނޯ-ފްރެންކިވްސްކް ގައި ތިބި ދަރިވަރުންތަކެއް ކަމަށެވެ. އެމީހުން މިވަގުތު...

25 Feb 2022 | 17:08

ޔޫކްރެއިންގައި ތިބި15 ދިވެއްސަކު ހަންގޭރީއަށް އެތެރެވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ15 މީހުންނަކީ ޔޫކްރެއިންގެ އިވަނޯ-ފްރެންކިވްސްކް ގައި ތިބި ދަރިވަރުންތަކެއް ކަމަށެވެ.

އެމީހުން މިވަގުތު ތިބީ ޔޫކްރެއިން އާއި ހަންގޭރީ ބޯޑަރާއި ކައިރީގައި އޮންނަ އަޒޯރާޑްގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓްގައި ކަމަށެވެ. އަދި އެމީހުންނަށް ބޯޑަރު ހުރަސްކޮށް، ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް، ހަންގޭރީ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ހަންގޭރީގެ ޚާރިޖީ ވަޒީރާ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ގުޅުއްވައި، ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރިކަމާއެކު ހަންގޭރީއަށް ގެންދިޔުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދިވެހިންނަށް ލިބޭނެކަމުގެ ޔަޤީންކަން އެޤައުމުން ވަނީ ދީފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ބުޑަޕެސްޓަށް ދިޔުމަށްފަހު 2 ދުވަހުގެ ތެރޭގައި ދިވެހިން ރާއްޖެ އަންނާނެ ކަމަށެވެ. އަދި އިވަނޯ-ފްރެންކިވްސްކްގައި ކިޔަވަން ތިބި ދަރިވަރުންނަށް ކުރިން ނުފުރުނީ އެ ދަރިވަރުންގެ ކްލާސްތައް އޮންލައިން ކްލާސްތަކަށް ޔުނިވަރސިޓީއިން ބަދަލުކުރިތަނާ މާ ގިނަ އިރުތަކެއް ނުވެ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމާއި ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޚާރްކީވްގައި ބާކީ ތިބި 8 ދިވެހިން، ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް މަސައްކަތް ވަނީ ފަށާފައެވެ. އެހެންނަމަވެސް އެއީ ވަރަށް ދުރު ހިސާބެއްކަމުން، އަދި ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، ރައްކާތެރިކަމާއެކު ޚާރްކީވްގައި ތިބި ދިވެހިން ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ހަރްކީވްގައި ބާކީ ތިބި 8 މީހުންގެ ތެރެއިން 5 ދަރިވަރުންނަކީ ވިސާ އައު ކުރުން ފަދަ އަމިއްލަ އެކި ސަބަބުތަކާ ހުރެ ކުރިން ނުފުރުނު ދަރިވަރުންނެވެ. އަދި ބާކީ ތިބި 3 މީހުންގެ އާއިލާ ޔޫކްރެއިންގައި ތިބިކަން ބަރލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ފޮރިން މިނިސްޓްރީން ބުނީ ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީއިން ދަނީ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެ ސަރަހައްދުގެ އެކި ގައުމުތަކާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް