ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ކިޔެވުމުގެ ކަންތަކުގައި އަމިއްލަ ގޮތްތަކެއް ހުންނަ ކުއްޖެކެވެ. ކިޔަވާހިތްވުމާއި ސްކޫލްގެ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެ އުޅުމުގައި ވެސް މެއެވެ.
ކޮންމެ ކުއްޖަކީ ވެސް ކިޔެވުމަށް ޝައުގުހުރި ކުއްޖަކަށް ހެދުމަށްޓަކައި ބޭނުންވާ އަސާސީ ހުނަރުތައް މައިންބަފައިން ނުވަތަ ބެލެނެވެރިންނަށް ކުރިއެރުވިދާނެއެވެ.
ކުދިން ކިޔެވުމަށް ޝައުގުވެެރިކުރުވުމަށްޓަކައި އެކުދިންގެ ގައިގައި ހަރުލެއްވޭނެ އާދަތަކުގެ ތެރޭގައި އެންމެ މުހިންމު ކަމަކަށް
ފޮތްކިޔުމުގެ އާދަ އަށަގެންނެވުން ހިމެނެއެވެ.
ފޮތްކިޔުމުގެ އާދައަކީ ދިރިއުޅުމުގައި ކާމިޔާބުގެ ތަޅުދަނޑިއޭ ބުނެފިނަމަ އެކަމާ ދެބަސްވާނެ މީހުން ތިބޭނެއެވެ. ނަމަވެސް ފޮތްކިޔުމުގެ އާދައަކީ ތަޢުލީމީ ހަޔާތުގައި ކާމިޔާބު ވުމުގެ ތަޅުދަނޑިކަމަށް ދެބަސްވާނެ މީހުން މަދުވާނެއެވެ.
ފޮތް ކިޔުމުގެ އާދަ އަމިއްލަ ނަފްސުގައި އަށަގަންނުވާ ކުދިން ތަޢުލީމަށް ލޯބިކުރާނެއެވެ. ފޮތްކިޔުމަކީ އުނދަގޫ ކުރާހިތް ނުވާކަމެއްކަމަށް ދެކޭ ކުދިން، ކިޔެވުމަކީ ބުރަކަމެއްކަމުގައި ވެސް ދެކޭނެއެވެ.
ކިޔެވުމަށް ޝައުޤުވެރިކަން އުފެއްދުމަށްޓަކައި ތެދުވެރިކަމާއެކު ހުޅުވިފައިވާ ސިކުނޑިއަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި
އަބަދުވެސް ދަރިފުޅު ކިޔަވާ އެއްޗަކާ ގުޅޭގޮތުން އެކުއްޖެއްގެ ހިޔާލު ފާޅުކުރުމަށް ހިތްވަރުދޭށެވެ.
މިނިވަންކަމާއެކު ހުޅުވާލެވިފައިވާ ޖައްވެއްގައި ބޭނުން ހިޔާލެއް ފާޅުކުމަށް މަގުދައްކާށެވެ. އެކުއްޖަކު ކުރާހިތްވާ ކަންތަކާއި ފޫހިވާ ކަންތަކާއި ބިރުހީވެ ހާސްވާކަންތަކާ ގުޅޭގޮތުން ހިޔާލު ފާޅުކުރުމަށް ޖާގަދޭށެވެ.
އަދި ދަރިފުޅު އެ ފާޅުކުރާ ހިޔާލަކީ އޭނާގެ ތެދުވެރި ޝުޢޫރުކަންވެސް ކަށަވަރު ކުރާށެވެ. އެއީ މައިން ބަފައިން ނުވަތަ ޓީޗަރުން ރުއްސަންވެގެން ބުނާއެއްޗެއް ނޫންކަން އަދި ހަމަ އެއީ އެކުއްޖެއްގެ ހިތުގެ އަޑިން ނެރެ ހާމަކުރާ ޝުޢޫރެއްތޯވެސް ނުވަތަ ނޫންކަންވެސް ޔަޤީންކުރާށެވެ. އެކަމަކީ ފަހަރެއްގައި މައިންބަފައިން އެންމެ އެދޭ ހިޔާލު ކަމުގައި ނުވިޔަސް މެއެވެ.
ކުދިންގެ ހިޔާލަކީ މުހިންމު އެއްޗެއް ނޫންކަމަށް އެކުދިންނަށް އިޙްސާސްވާނަމަ، އެކުދިން ދާންވީކޮޅެއް ނޭނގި، މަގުއޮޅިފައިވާކަމަށް އިޙްސާސްކުރެވޭނަމަ އެކުދިން ކިޔެވުމުގެ ދާއިރާއިން ދުރަށް ހިނގައިދާނެއެވެ.
ކުދިން ކިޔަވަމުން ދާއިރު އެކުދިން ޝައުޤުވެރިވާ ދާއިރާތަކަށް ތަޢުލީމު ފޯކަސްކުރާނަމަ ކިޔެވުމަށް ޝައުގުވެރިވެ އެކުދިން ކުރާ ހިތްވާކަމަކަށް ކިޔެވުން ވާނެއެވެ. އޭރުން ކިޔެވުމުގައި ބައިވެރިވާނީ އުފަލާއެކުގައެވެ.
ހަގީގަތުގައި ވެސް ދަރިފުޅުގެ ތަޢުލީމަކީ އެކުއްޖާއަށް ކުރާހިތްވާ ޝައުޤުވެރިކަމަކަށް ހަދަން ބޭނުންނަމަ، އެކުއްޖަކު ޝައުޤުވެރިވާ މަޢުޟޫޢުތަކަކީ ކޮބައިތޯ ހޯދާށެވެ. ހިތްހަމަޖެހޭ ދާއިރާތަކަކީ ކޮބައިތޯ ބަލާށެވެ.
އެކުއްޖަކު އަމިއްލައަށްވެސް ޝައުޤުވެރިވާ ހިތްހަމަޖެހޭ ދާއިރާތައް ހޯދަން ބާރުއަޅާށެވެ.
ބައެއް ކުދިން ޑައިނަސޯރ އަށް ލޯބިކުރަންޏާ އެކުއްޖަކަށް ޑައިނަސޯރާ ބެހޭ ފޮތާއި ވާހަކަ ހޯދައިދޭށެވެ. އޭރުން އޭނާ އެފޮތްތައް ކިޔާހިތްވާނެއެވެ.
ކިޔަވައިދިނުމުގެ އެކި މެތަޑްތައް ބޭނުންކޮށްގެން ތަފާތު ކަންކަން ހުށަހަޅާށެވެ.
ކޮންމެ ކުއްޖަކަށް ވެސް އެކުއްޖަކާ އެންމެ މުނާސިބު (އިފެކްޓިވް) އެންމެ ލޯބިކުރާ ގޮތްތައް ކިޔަވައިދިނުމުގައި ހުންނާނެއެވެ. ބައެއް ކުދިން ކޮންޓްރޯލް ވެއްޓެއްގައި ތަޢުލީމު އުނގެނުމުގެ ޤާބިލުކަން ހުންނައިރު އަނެއްބައި ކުދިން ކިޔަވާހިތްވާނީ ތަފާތު މެތަޑްތައް ބޭނުންކޮށްގެންނެވެ.
ވަކި ވައްތަރަކީ ތަޢުލީމު ދިނުމުގައި ކޮންމެހެން ޒަރޫރީ މެތަޑެކޭ ބުނެވޭނެ ވައްތަރެއް ވެސް ނެތެވެ. ހަމައެހެންމެ އަނެއް ވައްތަރަކީ ރަނގަޅު ނުވަތަ ގޯސް ވައްތަރެކޭ ބުނެވޭނެ ސަބަބެއް ވެސް ނެތެވެ.
ކިޔަވައިދިނުމަށް ހުންނަ ފޯރީގައި ދަރިފުޅު ބައިވެރިކުރާށެވެ. މައިން ބަފައިން ދަރިފުޅަށް ކިޔަވައި ދިނުމުގެ ފޯރި ހުންނަނަމަ އެކުދިންވެސް އެކަމުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ބޮޑުވާނެއެވެ.
އެއީ ކޮންމެ މާއްދާއެއް ކަމުގައި ވިޔަސްމެއެވެ. ތާރީޚު ވިޔަސް، ސައިންސް ކަމުގައި ވިޔަސް ލިޔުން ނުވަތަ ކިޔުންކަމުގައި ވިޔަސް އަދި ހިސާބު ކަމުގައި ވިޔަސް އޮތީ ހަމަ މިގޮތެވެ. އާ އެއްޗެއް ދަސްވުމަކީ ލޯބިކުރަންޖެހޭ ޝައުޤުވެރިކަމެއްގެ ގޮތުގައި ކުއްޖާއަށް ވިސްނައިދޭށެވެ.
ކުޅިވަރުގެ ތެރެއިން ކިޔަވައިދިނުމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ.
އެކަން ކުރާތާ މިހާރު ލައްކަ ޒަމާންވެއްޖެއެވެ. ކުޅިވަރުގެ ތެރެއިން އުނގެނެން ދަސްކޮށްދިނުމަކީ ވަރަށް ގިނަ ސަބަބުތަކާ ހުރެ ފައިދާހުރި ކަމެކެވެ. އެއިން ކުއްޖާއަށް އާ ހުނަރުތަކެއް ދަސްވަނީ އެކަންޏެއް ނޫނެވެ. ޢިލްމަށް ލޯބިކުރުމުގެ އާދަވެސް އަށަގަނެވިގެންދާނެއެވެ.
ކިޔެވުމުގައި ކުއްޖާ ހޯދާ ކާމިޔާބީތައް ފާހަގަކޮށް އެކަމަށް ތަޢުރީފުކުރާށެވެ. ޚާއްޞަކޮށް މިކަމަކީ ކުއްޖާގެ ޅަޢުމުރުގައި ވަރަށް ބޭނުންތެރިކަމެކެވެ.
ހުރިހާ ޢުމުރެއްގައި ވެސް ދަރިން ހޯދާ ކާމިޔާބަށް މައިން ބަފައިން އުފާކުރާކަން އިޙްސާސްކުރަން އެކުދިން ބޭނުންވާނެއެވެ.
އަދި އެއީ ވަރަށް ބޮޑު ހިތްވަރަކަށް ވާނެއެވެ. އަދި ހަމައެއާއެކު ކުއްޖާގެ ހުންނަ ރަނގަޅު ސިފަތައް ވެސް ފާހަގަކުރާށެވެ.
ކޮންމެ ދުވަހަކީ ވެސް ކިޔަވާ ދުވަހެއްކަމުގައި ހަދާށެވެ.
ކޮންމެ ދުވަހަކީ ވެސް ކުއްޖާއަށް ތަޢުލީމުގެ ފުރުޞަތު އޮންނަ ދުވަހެއްގޮތުގައި ދެކޭށެވެ. ކޮންމެ ކަމެއްކުރާއިރު އެކަމަކީ އޭނާއަށް ކަމެއް ދަސްކޮށްދިނުމުގެ ނިޔަތުގައި ޙަވާލުކުރި ކަމެއްގެ ގޮތުގައި ބުނުން ކޮންމެހެން ލާޒިމެއް ނޫނެވެ. ނަމަވެސް ކަމެއް ދަސްވުމުން އެއީ ކާމިޔާބެއްކަމަށާއި އިތުރު ކަންތައްތައް ދަސްކުރުމުގެ ފުރުޞަތު އަބަދުވެސް އޮންނާނެކަން ނުސީދާކޮށް އަންގައިދޭށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް