ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އައިއެސްއަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގަންޑާ ފަތުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދިވެހި މީހާއަކީ އެކި ބަސްބަހަށް އެ ޖަމާއަތުގެ ޕްރޮޕެގަންޑާ ތަރުޖަމާކޮށް އެ ޕްރޮޕެގަންޑާ ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ 2015 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގެ އެކި ޕްލެްޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި ދިވެއްސަކު އިސްކޮށް ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ.
"ޓެލެގްރާމް އަދި އެނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި "ސްކާރމިޝް"، "ސްކާރމިޝްކިޑް" އަދިވެސް އެހެނިން އެކިއެކި ނަންނަމުގައި އެކައުންޓްތައް ހަދައި، ސޯޝަލް މީޑިއާ ގްރޫޕްތަކުގައި އައިއެސްއަށް ތާއީދުކޮށް، އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް އެ ޖަމާއަތުގެ ލިޔެކިޔުން މީނާ ދައުުރުކުރަމުން ގޮސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މީނާ ދައުރުކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔުންތައް ހުންނަނީ އެކި ގައުމުތަކަށް އަމާޒުކޮށް، އެ ގައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައިކަން މިހާތަނަށް ފާހަގަކުރެވިފައިވާކަމަށެވެ.
އިތުރަށް ބެލިބެލުމުން، މި ގްރޫޕްތައް މެދުވެރިކޮށް، ޓެރަރިޒަމްގެ އަމަލުތައް ރާވައި ހިންގުމަށް ގޮވާލައި، އެކަމަށް ހިތްވަރުދީ، ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެކަމުގެ ބިރުދައްކައި އިންޒާރުދެމުން ގޮސްފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށާއި މީނާ ސޯޝަލް މީޑިއާގައި ފަތުރައި ސާއިއުކޮށްފައިވާ ބައެއް ކޮންޓެންޓްތަކަށް ބަލާއިރު ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާ ދިނުމަށް ގޮވާލައި އެފަދަ ކަންކަން ކުރުމަށް ހިތްވަރުދެމުން ގޮސްފައިވާކަން ފާހަގަކުރެވިފައިވާކަމާއި އަދި ޔޫރަޕުގެ އެކި ގައުމުތަކުގައި، އެ ގައުމުތަކުގެ ރައްޔިތުންނަށާއި އެ ގައުމުގެ އެކި ތަންތަނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ގޮވާލައި، އެކަމަށް ހިތްވަރުދެމުންދިޔަކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތާއި، ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ ދެ އިދާރާއަކާއި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން 2022 ޖެނުއަރީ 06 ވަނަ ދުވަހު ދިވެހިރާއްޖޭގައި ހިންގި އޮޕަރޭޝަނެއްގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި ކަމަށާއި އަދި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް ޑިޖިޓަލް އެވިޑަންސްތަކެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން މިގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މި ދިވެހި މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް "އަދަދު" އޮންލައިންގައި މި ޒުވާނާގެ ފޮޓޯއާއި ވަނަވަރު ހާމަކޮށްފައިވެއެވެ. އެ ނޫހުގައި ބުނެފައިވާގޮތުގައި މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުކަން އެ ނޫހަށް ވަނީ އެނގިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް