ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ރައިސް އިބްރާހިމް މުހައްމަދު ސޯލިހު އަލުން ހަވާލުވެވަޑައިގެންފި އެވެ.
އެމަނިކުފާނު ރައީސް ކަމުގެ މަސްއޫލިއްޔަތު ނައިބު ރައީސް ފައިސަލް ނަސީމާއި ހަވާލު ކުރެއްވީ ތައިރޮއިޑް އޮޕަރޭޝަނެއް މިއަދު ކުރައްވަން ޖެހިވަޑައިގެންނެވުމުންނެވެ. ފައިސަލް ރައީސް ކަމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެން ހުވާ ކުރެއްވީ މިއަދު ހެނދުނު 6:00 ގައި އެވެ.
ރައީސް އޮފީހުން ބުނީ އޮޕަރޭޝަން ކާމިޔާބުމުން މިއަދު ހެނދުނު9:30 ގައި ރައީސް ސޯލިހު ރައީސް ކަމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަަޑައިގެންފައިވާ ކަމަށެވެ. އަދި އެކަން ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެކަން ލިއުމުން އެންގެވި ކަމަށެވެ.
ރައީސް އަނބުރާ ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަައިގެންފަ މިވަނީ3:30 މިނެޓަށް ފަހު އެވެ.
ތައިރޮއިޑްގެ އޮޕަރޭޝަނަށް ފަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހާލުކޮޅު ރަނގަޅު ކަމަށެވެ. އެ ޓްވީޓްގައި ރައީސް ވަނީ އެ މަނިކުފާނަށް ހެޔޮ ދުއާކޮށްދެއްވި އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ގާނޫނުއަސާސީގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެ ނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އަންގަން ޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަން ޖެހެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް