ބައިނަލްއަޤްވާމީ އޯޕަންވޯޓަރ ސްޕޯރޓިންގ ހަރަކާތެއް ރާއްޖޭގައި ބޭއްވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ބައިނަލްއަޤްވާމީ އޯޕަންވޯޓަރ ސްޕޯރޓިންގ ހަރަކާތެއް ރާއްޖޭގައި ބޭއްވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ނެޓޭޝަން (ފީނާ)ގެ ރައީސް...

25 Feb 2022 | 03:29

ބައިނަލްއަޤްވާމީ އޯޕަންވޯޓަރ ސްޕޯރޓިންގ ހަރަކާތެއް ރާއްޖޭގައި ބޭއްވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ނެޓޭޝަން (ފީނާ)ގެ ރައީސް ޙުޞައިން އަލް މުސައްލަމް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ފީނާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ ވަށައިގެން ކަނޑު އެކުލެވޭ ޤައުމެއްކަމުގައިވާތީ މުޅި ރާއްޖޭގައި މޫދު ކުޅިވަރުތައް ކުރިއެރުވުމާއި ފެތުމުގެ ޕްރޮގްރާމްތައް މުޅި ޤައުމުގައި ހިންގުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފީނާގެ ރައީސް ވަނީ ރާއްޖޭގައި ފެތުމާއި އެނޫންވެސް މޫދުކުޅިވަރުތައް ތަރައްޤީކުރުމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

އަދި ރާއްޖޭގެ އެތުލީޓުން ތަމްރީނުކުރުމުގައި ފީނާ އިން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ވެސް ފީނާގެ ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ފީނާގެ ރައީސް ވަނީ ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ކުރިއެރުވުމާއި ބައިނަލްއަޤްވާމީ އޯޕަންވޯޓަރ ސްޕޯރޓިންގ ހަރަކާތެއް ކުރިޔަށްގެންދިއުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގައި މޫދު ކުޅިވަރުތައް ތަރަޢްޤީކުރުމުގައި ފީނާއިން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ފީނާ އަކީ ބައިނަލްއަޤްވާމީ މުބާރާތްތައް ބާއްވައި ފެތުމާއި އެނޫންވެސް ފެނުގައި ބާއްވާ ކުޅިވަރުތައް ތަރައްޤީކޮށް ކުރިއަރުވަން މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް