ކޯވިޑް ޖެހިފައިވާ އިނިގރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ސިއްހީ ހާލުކޮޅު ހާމަ ކުރުން މަޖުބޫރު ވެއްޖެ އެވެ.
އުމުރުފުޅުން 95 އަހަރުގެ ރާނީގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ވާހަކަދައްކަން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބަކިންހަމް ޕެލަސްއިން ދަނީ ދެކޮޅު ހަދަމުންނެވެ. އަބަދުވެސް ބުނަމުން ދަނީ އެކަމަނާގެ ހާލުކޮޅު ރަނގަޅު ކަމަށާއި ސިއްހީ ހާލަތު މީޑިއާގައި ހާމަ ކުރަން ޝާހީ އާއިލާއިން ބޭނުން ނުވާ ކަމަށެވެ.
މިގޮތަށް ސިއްރު ކުރަމުން ދަނިކޮށް ރާނީއަށް ކޯވިޑް ޖެހުމުން އެކަން ވަނީ ސިއްރު ކުރެވޭ ގޮތް ނުވެފަ އެވެ. އެކަމަނާ ޕޮސިޓިވްވި ކަމަށް ބެލެވެނީ ދަރިކަލުން ޕްރިންސް ޗާލްސް އާއި ކޮންޓެކްޓު ވެގެންނެވެ.
ޕްރިންސް ޗާލްސްވެސް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
ޝާހީ ގަނޑުވަރުން ރާނީގެ ސިއްހީ ހާލުކޮޅުގެ މައުލޫމާތު އާންމު ކުރަން މަޖުބޫރުވީ ކޯވިޑް ޖެހި އާލާސްކަންފުޅާއި އުޅުއްވާތީ އޮންލައިންކޮށް ކުރިޔަށް ގެންދަން ނިންމާފައި އޮތް ބައްދަލުވުމެއްގައި ބައިވެރިނުވެވުމުންނެވެ. ބަކިންހަމް ޕެލަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަމަނާގެ ގައިން ކޯވިޑްގެ އަލާމާތްތައް ފެންނަމުންދާ ކަމަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގެންނެވުމަށް މާ ބުރަނޫންކޮށް މަގާމުގެ މަސްއޫލިއއްޔަތު އަދާ ކުރެއްވުމުގައި ރާނީ އުޅުއްވާނެ ކަމަށް ބުނެފައިވެ އެވެ.
ބައިނަލްއަގުވާމީ މީޑިއާއިން ދަނީ އިނގިރޭސިވިލާތުގެ ނޫސްތަކުންވެސް ރާނީގެ ސިއްހީ ހާލުކޮޅާއި ގުޅޭ މައުލޫމާތު ސިއްރު ކުރަން މަސައްކަތް ކުރާ ކަމަށް ބުނަމުންނެވެ. އުމުރުން ދުވަސްވެފައި ވުމުން އެކަށީގެންވާ ގޮތުގައި މިހާރު މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް އެއްބަސްވާން ޝާހީ ގަނޑުވަރުން ދެކޮޅު ހަދާވާހަކަ އިނގިރޭސިމީޑިއާގައި ގެންނަލެއް މަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް