ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް މިއަދު ހަވާލުވެވަޑައިގެންފިއެވެ.
މި މަސްއޫލިއްޔަތުތަކާ ފައިސަލް ނަސީމް ހަވާލުވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ ހުވާ ކުރެއްވުމަށްފަހުގައެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ފަތިހު 5:50ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ މަސްއޫލިއްޔަތު ތަކާއި ޒިންމާތައް ވަގުތީގޮތުން ނައިބުރައީސް ފައިސަލް ނަސީމާއި ހަވާލުކުރައްވަން ނިންމެވީ ޑަކުޓަރުގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެންދަން ނިންމާފައިވާ ތައިރޮއިޑް އޮޕަރޭޝަން މިއަދު ހެނދުނު ކުރިއަށްދާނެ ތީކަމުގައި ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ ސާޖަރީގެ ކަންކަން ނިމި ދާދި އަވަހަށް އެނބުރި މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް ރުޖޫއަވެވޭވެ ކަމުގެ އުންމީދު ކުރައްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަށް ވަގުތީގޮތުން ނައިބުރައީސާ ހަވާލު އެ ކުރެއްވީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ ދަށުންނެވެ.
އެ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމަށް ވަގުތީގޮތުން އުޒުރުވެރިވާނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އަންގަންވާނެ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ނައިބުރައީސާ ހަވާލުކުރަންވާނެ ކަމަށެވެ. އަލުން އަނބުރާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ހަވާލުވެވޭނީވެސް މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައި ކަމުގައިވެސް ގާނޫނުގެ އެ މާއްދާގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް