ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ މި ސަރަހައްދުގެ ފުރަތަމަ ގައުމުގެ ގޮތުގައި ހިމެނުމަށް މާދަމާ ބޮޑު ކެމްޕެއިނެއް ފަށަން ނިންމައިފި އެވެ.
ހިމަބިހިން ސަލާމަތްވުމުގެ ވެކްސިން ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށީ 1983 ގަ އެވެ. އަދި 2010 ގެ ފަހުން ރާއްޖޭގައި ހިމަބިހި ޖެހުނުކަމުގެ އެއްވެސް ރިޕޯޓެއް ކޮށްފަ އެއް ނެތެވެ. މާދަމާ ފަށާ ކެމްޕެއިން ކުރިޔަށް ގެންދަނީ "މަވެސް ޖަހައިފިން" މި ޝިއާރުގެ ދަށުންނެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާދަމާ ފަށާ ކެމްޕެއިނުގައި ހިމަބިހީގެ ވެކްސިން ޖަހާފައި ހުއްޓަސް ދެ ވަނަ ޑޯޒެއް ޖެހިކަން ޔަގީންނުވާ ކުދިން ވެސް އަލުން ޖަހަން ޖެހޭނެ ކަމަށެވެ. އެޗްޕީއޭއިން ނިންމާފައިވަނީ މީސަލްސް އަދި ރުބެއްލާ ވެކްސިން އެއްކޮށްލައިގެން ޖަހައިދޭ ށެވެ. އެއީ އެމްއާރު/އެމްއެމްއާރުު ވެކްސިނެވެ.
މި ކެމްޕެއިން ކުރިޔަށް ގެންދަނީ މާދަމާއިން ފެށިގެން މާޗު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ވެކްސިލް ޖަހައިދިނުމަށް މާލޭގެ 11 ސަރަހައްދެއްގައި ހެލްތް މިނިސްޓްރީ އާއި އޭޑީކޭ އާއި އައިޖީއެމްއެޗުގެ ޓީމުތައް ހަރަކާތްތެރިވާނެ އެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް ވެކްސިން ދޭނީ އެ ސްކޫލްތަކުގައި ކަމަށާއި ސްކޫލްގައި ނޫޅޭ ކުދިންނަށް ކަނޑައަޅާފައިވާ ތަންތަނުން ވެކްސިން ޖެހޭނެ ކަމަށް ބުނެ އެވެ.
ހުޅުމާލޭގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލާއި ސްކޫލްތަކުގެ އިތުރުން އެޗްޑީސީ އޮފީސް ކުރިމަތީގައި އެވެ. އަދި އަތޮޅުތަކުގައި ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން އެމްއާރު/އެމްއެމްއާރު ވެކްސިން ޖަހައިދޭ ގޮތަށް ވަނީ ހަމަޖައްސާފައި އެވެ.
މި ކެމްޕެއިންގައި ވެކްސިން ދޭނީ އުމުރުން އަށް އަހަރާއި 14 އަހަރުގެ ކުދިންނާއި 15 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރު ފުރާގެ މީހުންނަށެވެ. މީގެ ތެރެއިން ހިމަބިހީގެ ވެކްސިން ކުރިން ޖަހާފައި ތިބި ކުދިންގެ ތެރެއިން އަށް އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް އަލުން ވެކްސިން ދޭނީ، އޭގެ ދެވަނަ ޑޯޒެއް ނަގާފައިވާކަން ސީދާ ކަށަވަރު ވާވަރުގެ ލިޔުމެއް ނެތް ނަމަ އެވެ.
އެންމެ ފަހުން ރާއްޖެއިން ހިމަބިހި ފެނިފައިވަނީ 2006 ވަނަ އަހަރު އެވެ. އެ އަަހަރު ހިމަބިހި ޖެހިގެން ރިޕޯޓުކޮށްފައިވަނީ 47 ފަރާތެކެވެ.
އެޗްޕީއޭއިން ބުނީ ހިމަބިޙީގެ ވެކްސިން ނުޖަހާނަމަ 10 އަހަރުން ދަށުގެ 90 ޕަސެންޓު ކުދިންނަށް އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ހިމަބިހި ޖެހުމުން ހުން އައިސް، ކެއްސާ، ލޯ ރަތްވެ، އަނގާތެރޭގައި ހުދު ބިހިތަކެއް ނެގުމުގެ އިތުރުން ހަންގަނޑުގައި ރަތް ބިހިތަކެއް ނަގައެވެ. އަދި ރުބެއްލާ އަކީ ނޭވާލާ ނިޒާމަށް ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ.
މާދަމާ ފަށާ ގައުމީ ފެންވަރުގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް