ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިނުގެ ފްލައިޓަކުން ދަތުރު ކުރި ހަތް ފަސިންޖަރަކަށް އިށީންނާނެ ގޮނޑިއެއް ނެތިގެން ދަތުރު ނިމެންދެން ފްލައިޓު ތެރޭގައި ކޮޅަށް ތިބެން ޖެހިއްޖެ އެވެ.
އެ ދަތުރުކޮށްފައިވަނީ ޕާކިސްތާނުގެ ކަރާޗީން ސައުދީ އަރަބިއްޔާގެ މަދީނާ އަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
އެ އެއާލައިނުން ބުނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ ހަތް ފަސެންޖަރުންނަށް އެމީހުން ފައިސާ ދެއްކި ގޮނޑި އިށީންނަށް ނުލިބުމަކީ މައްސަލައެއް ކަމަށެވެ.
ހަތަރު ގަޑި އިރުގެ މި ދަތުރުގައި ބޭނުންކޮށްފައިވަނީ 409 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެކެވެ. އެކަމަކު އެ ދަތުރު 416 މީހުންނާއި އެކު ކުރަން ޖެހުނު ސަބަބެއް އަދިވެސް ނޭނގެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި މައްސަލައިގަ އެ ދުވަހު ފްލައިޓުގައި ތިބި ކެބިން ކްރޫއިން ނާއި ކެޕްޓަން ދަނީ އެކަކު އަނެކަކުގެ ބޮލުގައި ފަރުވާކުޑަކަމުގެ ޒިންމާ އަޅުވަމުންނެވެ.
އެ ދުވަހު ފްލައިޓް އޮޕަރޭޓް ކުރަން އިން ކެޕްޓަން ބުނެފައިވަނީ ފްލައިޓުގައި އިތުރު ހަތް ފެސެންޖަރުން ތިބިކަން އެނގުނީ ބޯޓު މައްޗަށް ނެގި ފަހުން ކަމަށެވެ. އަދި ބޯޓުގެ ދޮރު ލެއްޕުމުގެ ކުރިންވެސް އެކަން ކެބިން ކްރޫއިން އޭނާއަށް އަންގާފައި ނުވާތީ މައްޗަށް އެރުމަށް ފަހު އަނބުރާ ކަރާޗީއަށް ޖެއްސެން ނެތުމުން މަދީނާއަށް ދިޔައީ ކަމަށެވެ.
އޭނާ ބުނީ މި ކަމުގައި ޒިންމާ ނަގަންޖެހޭނީ ފްލައިޓަށް މީހުން އަރުވާ ޗެކިން ކައުންޓަރުގައި ތިބި މުވައްޒަފުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް