ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ ދެ ވަނަ އަޑުއެހުން މާދަމާ ރެ އަށް ތާވަލް ކޮށްފި އެވެ.
މައްސަލައަށް ތައްޔާރުވުމަށާއި ވަކީލަކު އައްޔަންކުރުމަށް ނަޝީދަށް ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ދިން ތިން ދުވަހުގެ ފުރުސަތަށް ފަހު ބާއްވާ އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ ރޭ 08:00 އަށެވެ.
ނަޝީދުގެ އިތުރުން އޭރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ވެސް ވަނީ މާދަމާ ރެއަށް ޝެޑިއުލްކޮށްފަ އެވެ. އެ އަޑުއެހުން ބޭއްވުމަށް ކަނޑައަޅާފައި ވަނީ 10:00 ގަ އެވެ. ހޯމަ ދުވަހު އޮތް އަޑުއެހުމުގައި ވަކީލަކު ކަނޑައެޅުމަށް ތޮލްހަތަށް ވެސް ތިން ދުވަސް ކޯޓުން ދިނެވެ.
މި ދެ ބޭފުޅުންގެ އިތުރުން އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި އެމްއެންޑީއެފްގެ އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަދި މިހާރު ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރަހީމް މުހައްމަދު ދީދީ އާއި އޭރުގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް