ބްރެޒިލްގެ ރޮނާލްޑޯ އަނެއްކާވެސް ކުޅުމަށް އަންނަނީ!

ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮނާލްޑޯ އަނެއްކާވެސް ފުޓުބޯޅަ ދަނޑުމައްޗަށް އެނބުރި އަންނާނެކަމުގެ ޔަގީންކަން އޭނާގެ ފިޓްނެސްކޯޗު އަދި ރޮނާލްޑޯ ދީފިއެވެ. ރޮނާލްޑޯ އެނބުރި ކުޅުމަށް އަންނާނީ އެމެރިކާގެ ސެ...

25 Feb 2015 | 07:59

ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮނާލްޑޯ އަނެއްކާވެސް ފުޓުބޯޅަ ދަނޑުމައްޗަށް އެނބުރި އަންނާނެކަމުގެ ޔަގީންކަން އޭނާގެ ފިޓްނެސްކޯޗު އަދި ރޮނާލްޑޯ ދީފިއެވެ.

ރޮނާލްޑޯ އެނބުރި ކުޅުމަށް އަންނާނީ އެމެރިކާގެ ސެކަންޑް ޑިވިޝަންގެ ކުލަބެއް ކަމަށްވާ ފޯރޓް ލޯޑާޑޭލްގެ ސްޓްރައިކަރެއްގެ ގޮތުގައެވެ. މި ކުލަބުގެ އޯނަރަކީވެސް ރޮނާލްޑޯއެވެ.

ކުރިން ދުނިޔޭގެ ބޮޑެތި ކުލަބުތަށް ކަމަށްވާ ރިއާލް މެޑްރިޑް، ބަރސެލޯނާ އަދި އިންޓަރމިލާން ފަދަ ކުލަބުތަކުގައި މޮޅުކުޅުމެއްދެއްކި ރޮނާލްޑޯ ރިޓަޔަރކޮށްފައިވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އަދި ރިޓަޔަރކުރުމަށްފަހު އޭނާވަނީ ނޯރތު އެމެރިކާގެ ލީގުގެ ބޮޑު ހިއްސާއެއް ގަނެފައެވެ.

ބްރެޒިލްގެ ކުޅިވަރު ނޫހަކަށް މައުލޫމާތުދެމުން ރޮނާލްޑޯ ބުނެފައިވަނީ އޭނާ ކުޅުމަށް އެނބުރި އަންނާނެކަމަށާއި، ނަމަވެސް ކުޑަ ދުވަސްކޮޅެއް މިކަމަށް ހޭދަވާނެކަމަށެވެ. އޭނާގެ ފިޓްނެސްކޯޗު ހާމަކުރާގޮތުގައި ރޮނާލްޑޯ މިހާރުހުރީ ފިޓްނެސް ރަނގަޅު ކުރުމަށްޓަކައި ބަރުދަން ލުއިކުރިމުގެ ޑައިޓެއްގައެވެ. އަދި ރޮނާލްޑޯ ކުޅުމަށް އެނބުރި އައުމަށް ރަނގަޅަށް ކަންތައްތަށް އޯގަނައިޒްކޮށ ގެންދާކަމަށްވެސް އޭނާ ބުންޏެވެ.

ރޮނާލްޑޯއަކީ މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ސްޓަރައިކަރެވެ. އަދި ގިނަ ސަޕޯޓަރުންގެ ލޯބި ލިބިފައިވާ ރޮނާލްޑޯވަނީ ދެ ވޯރލްޑްކަޕް ބްރެޒިލާއެކު ކާމިޔާބުކޮށް ފީފާއިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ތިން ފަހަރެއްގެ މަތިން ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް