ޔޫއެފާ ޗެމްޕިއަންސްލީގުގެ ނޮކްއައުޓް ސްޓޭޖުގެ ފުރަތަމަ ލެގުގައި ރޭ ޖުވެންޓަސްއިން ޖަރުމަނުގެ ބުރޫޝިއާ ޑޯރޓުމަންޑުގެ މައްޗަށް ކުރިހޯދައިފިއެވެ.
ޖުވެންޓަސް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމިފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޖުވެންޓަސްއަށް ލީޑު ނަގާދިނީ ކާލޯސް ޓެވޭޒްއެވެ.
ޓެވޭޒް ގެ ގޯލާއެކު މާގިނައިރެއްނުވެ ޖަރުމަނު ލީގުގެ ތާވަލުގައި އުނދަގޫތަކަކާއި ކުރިމަތިލަމުން އަންނަ ޑޯޓުމަންޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ދާދިފަހުން ކޮންޓްރެކްޓް އާކުރި މާކޯ ރޫސްއެވެ. މި ގޯލައަކީ އިޓަލީގެ އަދި ޖުވެންޓަސްގެ ޑިފެންޑަރ ޗިއަލީނީއަށް ހެދުނު ގޯހަކުން ޑޯޓުމަންޑުން ޖެހިގޯލައެކެވެ.
މެޗުގެ ފުރަތަމަ ހާފް މިނަތީޖާގައި ނިމެންދަނިކޮށް ޕޮގްބާގެ ޕާހަކުން ޖުވެންޓަސްއިން ދެވަނަފަހަރަށް މެޗުގައި ލީޑު ނަގާދިނީ އަލްވާރޯ މޮރާޓާއެވެ.
މެޗުގެ ދެވަނަ ހާފްގައި ޖުވެންޓަސްއިން މޮޅަށްކުޅެ ހަމަލާތަށް އުފެއްދި ނަމަވެސް މެޗުގެ ނަތީޖާއަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
މެޗަށްފަހު ޑޯޓުމަންޑުގެ ކްލޮޕް ބުނެފައިވަނީ މެޗުގެ ނަތީޖާއަކީ އެންމެ އެކަށޭނެ ނަތީޖާ ކަމަށެވެ. ފުރަތަމަ ހާފްގައި ޑޯޓުމަންޑު މޮޅަށް ކުޅުނު ނަމަވެސް ޖުވެންޓަސްއަށް ގޯލް ޖަހާނެ ފުރުސަތުތަކެއް ތަނަވަސްވުމުގެ ސަބަބުން ޖުވެންޓަސް ގޯލް ޖެހީކަމަށެވެ. އަދި ޖުވެންޓަސްއަކީ މޮޅު ޓީމެއްކަމަށްވެސް ކްލޮޕް އިތުރަށް ބުންޏެވެ.
މިދެޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް