ލ. ގަމުން ފޮނަދުއަށް ސައިކަލުގައި ދިޔަ އަންހެނެއްގެ ފަހަތުން ދުއްވައި އެ އަންހެންމީހާއާއި ފޮށުނު ދެ ފިރިހެނެއްގެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އިރުއޮއްސުނުހާއިރު ލ. ގަމުން ލ. ފޮނަދުއަށް ސައިކަލެއްގައި ދުއްވާފައިދިޔަ ދިވެހި އަންހެނަކާއި ދިވެހި ދެ ފިރިހެނަކު ދިމާކޮށް ގަދަކަމުން ފޯނު އަތުލަން މަސައްކަތްކޮށް ހެލްމެޓު ނަގާ ވަލުތެރެއަށް އެއްލާލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
ފުލުހުން މިހެން ބުނެފައިވާއިރު މި ހާދިސާ ކުރިމަތިވި އަންހެން މީހާ ވަނީ އެކަން ހިނގާދިޔަގޮތް ފޭސްބުކްގައި ހިއްސާކޮށްފައެވެ.
އެ އަންހެންމީހާ ބުނެފައިވަނީ އެމީހުން ސައިކަލުގައި ފަހަތުން އަޅުވާލީ ލ. ގަމު މަތިމަރަދޫއާއި (ގަމުގެ ތިން އަވަށުން މެދު އަވަށް) ހަމައިން ކަމަށާއި ފޮނަދުއާއި ހަމައަށް ދިޔައިރުވެސް ފަހަތުން ދިޔަ ކަމަށެވެ. އަދި ވީޑިއޯ ކުރަން އުޅުމުން ފޯނު އަތުލަން މަސައްކަތްކުރި ކަމަށާއި އަދި ފޯނު އަތު ނުވުމުން ހެލްމެޓު އަތުލައި ހޫރާލި ކަމަށެވެ.
އެ އަންހެން މީހާ ބުނެފައިވަނީ ފޭސްބުކްގައި އެ ވާހަކަތައް ހިއްސާކުރަން މަޖުބޫރުވީ ފުލުހުން އެކަމާ އަޅާނުލުމުން ކަމަށާއި އެމީހުން ފަހަތުން އައީ އެމީހުންގެ ސައިކަލުގެ ނަންބަރު ބޯޑު އޭނާގެ އަތުން ހަލާކުވިކަމަށްބުނެކަމަށް ފުލުހުން ގާތުގައި ބުނި ކަމަށް ފުލުހުން ބުނި ކަމަށެވެ.
ނަމަވެސް ސައިކަލު ނަންބަރުބޯޑަށް ކަމެއް ނުވާކަން އޭނާ ފޭސްބުކްގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން އެނގެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް