ފިލްމީ ހަޔާތާ ދުރުވެ އިއްފަތްތެރި މުސްލިމެއްގެ ގޮތުގައި ދުވަސްތައް ހޭދަކުރުމަށް ނިއުމާއަށް އަލީ ރަމީޒް ނަސޭހަތްތެރިވެއްޖެ

މައްޝޫރު ފިލްމީ ތަރި ނިއުމާ ފިލްމީ ދާއިރާއިން ދުރުވެ އިއްފަތްތެރި މުސްލިމެއްގެ ގޮތުގައި ދުވަސްތައް ހޭދަކުރުމަށް ނިއުމާއަށް އަލީ ރަމީޒު ނަސޭހަތްތެރިވެއްޖެއެވެ. އަލީ ރަމީޒު މިއަދު ފޭސްބުކްގައި ކުރި ޕޯސް...

25 Jan 2025 | 07:51

މައްޝޫރު ފިލްމީ ތަރި ނިއުމާ ފިލްމީ ދާއިރާއިން ދުރުވެ އިއްފަތްތެރި މުސްލިމެއްގެ ގޮތުގައި ދުވަސްތައް ހޭދަކުރުމަށް ނިއުމާއަށް އަލީ ރަމީޒު ނަސޭހަތްތެރިވެއްޖެއެވެ.

އަލީ ރަމީޒު މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި މިފަދައިން ބުނީ،  މީގެ ދުވަސްކޮޅެއް ކުރިން ނިއުމާ ފޭސްބުކްގައި ކުރި އަސަރުގަދަ ޕޯސްޓަކާއި ގުޅިގެންނެނެވެ.

ނިއުމާ އެ ޕޯސްޓުިގައި ބުނީ، އައުާ އަހަރު އައު އުއްމީދުތަކާއި އައު އަޒުމުތަކަކާއި އެކުގައި ފެށުނު ނަމަވެސް ދުވަހަކުވެސް ހިތަށް ނާރާ ފަދަ ގޮތަކަށް ދިރިއުޅުން މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެންމެ ލޯބިވާ މީހުންނާ އަދި މުޅި އުމުރު ދިރިއުޅުނު މާލެއާއި ދުރަށް އޭނާގެ ދިރިއުޅުން ބަދަލުކުރަން ޖެހުނު ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން ނިއުމާ ބުނީ، ފާއިތުވި ތިން އަހަރަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ތިން އަަހަރު ކަމަށާއި އެ ދުވަސްކޮޅުގައި ހަމަނިދި ވެސް ނުލިބުނު ކަމަށް ނިއުމާ ބުންޏެވެ. ޑިޕްރެޝަންގައި އެތައް ދުވަހެއް ހޭދަކުރަން ޖެހުނު އިރު، ހާލުގައި ޖެހި މަގުމަތިވާ ހިސާބަށް ދިޔަ ކަމަށް ވެސް ނިއުމާ އެ ޕޯސްޓުގައި ބުނެފައިވެއެވެ.

މި ޕޯސްޓާއި ގުޅިގެން އަލީ ރަމީޒު މިއަދު ސޯސަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މުޑުދާރު ފިިލްމުތައް ކުޅުމާއި މިއުޒިކް ކުޅުން ފަދަ ﷲ ހަރާމް ކުރައްވާފައިވާ މަސައްކަތްތަކުން ލިބޭނެ ހިތް ހަމަޖެހުމެއް ނޯންނާނެ ވާހަކަ މީގެ ކުރިންވެސް ތަކުރާރުކޮށް އޭނާ ބުނެފައިވާނެ ކަމަށެވެ.

އަދި އެފަދަ މަސައްކަތްތަކުން މީހުންގެ އިހުތިރާމާއި ލޯބި ލިބޭ ކަމަށް ހީކުރެވުމަކީ އަހަރެމެންގެ ކޮށި ބުއްދިއަށް ޝައިތާނާ ވައްދައިދޭ ވަސްވާސްތަކެއް ކަމަށެވެ.

"ހާލުގައި ޖެހޭ ދުވަހު އެއްކަލަ ލޯބި ވީ އެކަކުވެސް ނުހުންނާނެ އެހީތެރިވާކަށް، އެއީ ކީއްވެ؟ އެއީ އެމީހުން އެވީ ހަގީގީ ލޯބި ކަމުގައި ނުވާތި"

ނިއުމާއަށް ނަސޭހަތްތެރިވަމުން އަލީ ރަމީޒު ބުނީ، ﷲ އަށް ތައުބާވެ އެ މުޑުދާރު މަސައްކަތުން ދުރުވެ އިއްފަތެތެރި މުސްލިމެއްގެ ގޮތުގައި ހަޔާތުގެ ދެން ބާކީ އޮތް ބައި ހޭދަކުރުމަށް ނިއުމާއަށް ހެޔޮ ހިތުން ނަސޭހަތްތެރިވާ ކަމަށެވެ.

ފަލާހާއި ކާމިޔާބު ހާސިލްވާނީ ﷲ އަށް ފުރިހަމަ ގޮތުގައި ކިޔަމަން ވެގެން ކަމަށް ވެސް އަލީ ރަމީޒު ބުންޏެވެ.

ނިއުމާއަކީ ރާއްޖޭގެ ފިލްމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްފައިވާ ދިވެހިންގެ ތެރޭގައި މަގުބޫލު މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް