ކަނޑުގެ މައްސަލަ ދިރާސާކުރުމަށް މުނައްވަރާއި ބޭރުގެ ވަކީލުންގެ ޓީމެއް އައްޔަންކޮށްފި

ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން މައްސަލާގައި އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން ދިރާސާކުރުމަށް ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު ...

25 Jan 2024 | 12:14

ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން މައްސަލާގައި އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން ދިރާސާކުރުމަށް ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރާއި ބޭރުގެ ވަކީލުންގެ ޓީމެއް ސަރުކާރުން އައްޔަންކޮށްފިއެވެ.

އެޓަރނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި، ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސް އިން ނިންމާފައިވާ ނިންމުން ދިރާސާކޮށް، ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ކަނޑުތަކާ ބެހޭ ޤާނޫނީ ދާއިރާގެ ޚަބީރެއްގެ ހައިސިއްޔަތުން ޑރ މުނައްވަރުގެ ގާނޫނީ ލަފާ ހޯއްދެވުމަށް އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ނިންމަވާފައިވާ ކަމަށާއި އެ މަސައްކަތް މުނައްވަރު މިހާރު ފައްޓަވާފައިވާކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ޑރ.މުނައްވަރުގެ އިތުރުން، މި މައްސަލައާ ގުޅިގެން ޤާނޫނީ ލަފާ ހޯދުމަށް އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލް އަކާއި، ލޯ އޮފް ދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް ވަނީ އައްޔަންކޮށްފައެވެ. އޭޖީ އޮފީހުން ބުނީ މި ދެ ޤާނޫނީ މާހިރުންނަކީވެސް ކަނޑާ ބެހޭ މުއާހަދާއާއި ގުޅުންހުރި މިފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ދެ ބޭފުޅުން ކަމަށެވެ.

މި ދެބޭފުޅުންނާއި ހަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، މި މައްސަލައިގައި އިޓްލޮސް އިން ނިންމާފައިވާ ނިންމުންތައް ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިއަށް ދިޔައިރު، ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި، މި މައްސަލަ ހިނގަމުން ދަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ފަރާތްޕުޅުން 22 އޮގަސްޓް 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި، އެބޭފުޅުންގެ ނަޒަރުގައި މި މައްސަލައިގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާއުތަކަކީ ކޮބައިތޯއާއި، އަދި އެގޮތަށް އަމަލުކުރިނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުސަތު އޮތްތޯ ބެލުމުގެ އިތުރުން، މި މައްސަލައިގައި ދެން އަމަލުކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބަލައި މިކަންކަމާ ގުޅޭ ޤާނޫނީ ލަފައެއް ހޯދުމެވެ.

އޭޖީ އޮފީހުން ބުނި މި މައްސަލައިގައި އައްޔަންކުރެވިފައިވާ މާހިރުން ދެއްވާ ޤާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، މި މަސައްކަތް ކުރުމަށް ބަންޑާރަނައިބު އައްޔަންކުރައްވާފައިވާ ކޮމިޓީ އިން ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓް ކުރިއަށް އޮތް ފެބްރުވަރީ މަހުގެ ތެރޭގައި ބަންޑާރަނައިބަށް ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށެވެ. މި ރިޕޯޓުގެ މައްޗަށް ބިނާކޮށް، މައްސަލައިގައި ކުރިއަށް ދާންވީ ގޮތް ނިންމެވުމަށް މި މައްސަލަ ކެބިނެޓަށް ހުށަހެޅުމަށްވެސް ބަންޑާރަނައިބު ވަނީ ނިންމަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި މި މައްސަލަ ކެބިނެޓަށް ހުށަހަޅާ ގޮތަށް ނިންމޭނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

މި މަސައްކަތް ކުރުމަށް ބަންޑާރަނައިބު އައްޔަންކުރައްވާފައިވާ ކޮމިޓީގެ ރިޕޯޓް އާއްމުކުރެވޭ އިރު، މަސައްކަތަށް އައްޔަންކޮށްފައިވާ ޤާނޫނީ މާހިރުންނާ ގުޅޭ މައުލޫމާތުތަކާއި މި މަސައްކަތަށް ޚަރަދުވި ފައިސާ ފަދަ މައުލޫމާތުތައް ހާމަކުރާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް