ސަރުކާރުގެ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށާއި، ރައްޔިތުން ކުރަން ބޭނުން ސުވާލުތަކަށް ޕަބްލިކް ފޯރަމެއްގައި ޖަވާބު ދިނުމުގެ ބާއްވާ ފުރަތަމަ ވަޒީރުންގެ ފުރަތަމަ ފޯރަމް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
މި ފޯރަމްގައި 5 ވަޒީރަކު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ 8:30 އިން ފެށިގެން ދެ ގަޑިއިރަށް ކުރިއަށްދާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ ވަޒީރުންނަކީ:
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު: ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު: މުޙައްމަދު ސަޢީދު
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު: ޢާއިޝަތު ޝިހާމް
އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު: ޑރ.ޢަބްދުﷲ މުއްޠަލިބް
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު: ޢަބްދުﷲ ރާފިޢު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބާއްވާ މި ފޯރަމްގައި، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މި ފޯރަމް ކޮންމެ ދެ މަހަކުން ބޭއްވުމަށް ރާވާފައިވާއިރު، ކޮންމެ ފޯރަމެއްގައިވެސް ބައިވެރިވެވަޑައިގަންނަވާނީ 5 ވަޒީރެކެވެ.
ވަޒީރުންގެ ފޯރަމްގެ އިތުރުން، ކޮންމެ ތިން މަހަކުން ރައީސުލްޖުމްހޫރިއްޔާ މައުލޫމާތު ދެއްވާ ފޯރަމް އެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ ސިޓީ ކައުންސިލްގެ އައު މޭޔަރާއި އަލަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޮންމެ ތިން މަހަކުން އެއް މަހު، އަމިއްލަފުޅަށްވެސް ރައްޔިތުންނަށް އެ ފުރުސަތު ދެއްވާނެ ކަމަށާއި، އެމަނިކުފާނުގެ ފުރަތަމަ ފޯރަމް އޮންނާނީ އަންނަ ފެބްރުވަރީ މަހުގެ ތެރޭގައި ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަނީ ރައްޔިތުން ހަވާލުކުރި މަސައްކަތްތައް ކަމަށާއި، ޖަވާބު ނުދެވޭނެ އެއްވެސް ސުވާލެއް ނޯންނާނެ ކަމަށެވެ. އަދި ފޮރުވަން ޖެހޭނެ، ޒިންމާ ނުނެގޭނެ ނުވަތަ ނޭނގޭ ކަމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް