ސިޔާސީ މަގާމުތަކުގެ އަދަދު ހިފަހައްޓަން ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީ އިން ހުށަހަޅަނީ

ސިޔާސީ މަގާމުތަކުގެ އަދަދު ހިފެހެއްޓުމަށް ހުށަހެޅުމަށް ދަ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފިއެވެ. އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިން...

25 Jan 2024 | 06:12

ސިޔާސީ މަގާމުތަކުގެ އަދަދު ހިފެހެއްޓުމަށް ހުށަހެޅުމަށް ދަ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފިއެވެ.

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ދެ ޕާޓީން ބުނީ ރައްޔިތުންގެ ކުރިއެރުމާއި ލާބައާއި އިގްތިސާދީ ހާލަތަށް ކުރިމަތިވާ އެންމެހައި ގެއްލުންތައް ދެނެގަނެ ގޮތްތައް ކަނޑައަޅައި އެކަންކަން ހެޔޮ މަގަށް އެޅުވުމަށް ސަރުކާރު ޖަވާބުދާރީކުރުވުމަށް އެކުގައި މަސައްކަތްތަކެއް ކުރުމަށް ނިންމާފައި ވާކަމަށެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުން ދިއުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ސައިޒު އިންތިހާއަށް ބޮޑުވަމުންދާ ދިއުމަށް ހައްލު ގެނެސް، އިންތިހާބީ ދާއިރާތަކާއި މެމްބަރުންގެ އަދަދު ކުޑަކޮށް އަދި ވަކި މިންވަރެއްގައި އެ އަދަދު ހިފެހެއްޓުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ފުރިހަމައަށް ރެގިޔުލޭޓްކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން، ޒިންމާދާރު ނޫންގޮތަށް ސަރުކާރުން ސިޔާސީ މަގާމުތައް އުފެއްދުން ލިމިޓްކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރުމަށް ވެސް ދެ ޕާޓީން ވަނީ ނިންމާފައެވެ.

އެ ކަންކަން ހާސިލުކުރުމަށް ގާނޫނުއަސާސީއަށާއި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ދެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކުވެ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައިދިނުމަށް އެދި މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޗެއާރޕާސަން އަދި ކުރީގެ ވަޒީރު ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙަސަން ލަޠީފާއި ޕާޓީގެ ޕާރލަމެންޓްރީ ގްރޫޕް ލީޑަރު ޢަލީ އާޒިމް ބައިވެރިވެވަޑައިގެން މި ދެ ޕާޓީގެ އިތުރު ކަންބޮޑުވުންތައް ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން، ސަރުކާރުގެ ހާރިޖީ ސިޔާސަތު އަމާޒުހިފާފައިވާ ގޮތާމެދުއާއި، މިހާރުގެ ސަރުކާރުން އިންޑިއާ އާ ދެކޮޅުވެރި ސިޔާސަތު ގާއިމުކުރަމުންދާކަމުގެ ކަންބޮޑުވުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ފާޅުކުރިއެވެ. ރާއްޖޭގެ އެއްވެސް ތަރައްގީގެ ބައިވެރިއަކާ، ހާއްސަކޮށް، އިންޑިއާ ފަދަ ރާއްޖޭގެ އެންމެ ޒަމާންވީ އެކުވެރި ގައުމަކާ ދުރުވުމަކީ ރާއްޖޭގެ ދެމެހެއްޓެނެވި ތަރައްގީއަށް އިންތިހާއަށް ގެއްލުން ބޮޑުވާނެ ކަމެއްކަމުގައި ދެ ޕާޓީން ވެސް ގަބޫލުކުރާ ކަމަށް ބުންޏެވެ.

ދިވެހިރާއްޖެއިން އެންމެ ކުރިއްސުރެ އަމަލުކުރަމުން ދިއަގޮތަށް، ދިވެހިންނަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށްވާ، ތަރައްގީގެ ހުރިހާ ބައިވެރިންނާއެކު މަސައްކަތްކުރަން މިހާރުގެ ސަރުކާރަށް އެނގެންވާނެކަމަށް ކަމަށާއި، އިންޑިއާ ކަނޑުގެ ސެކިއުރިޓީއާއި ހަމަޖެހުން ގާއިމުވެފައި އޮތުމަކީ ދިވެހިރާއްޖޭގެ ސަލާމަތަށް އިންތިހާއަށް މުހިއްމު ކަމެއްކަމުގައި ދެ ޕާޓީން ވެސް ގަބޫލުކުރާ ކަމަށް ބުންޏެވެ.

ދައުލަތަށް އަލަށް ލިބޭނޭކަމަށް އަންދާޒާކޮށް އާމްދަނީގެ ގޮތުގައި އާމްދަނީ ކަނޑަނާޅައި، ސަރުކާރުން ކުރާނޭ ހަރަދުގެ ގޮތުގައި ހަރަދުތައް ކަނޑައަޅަމުންދާ ދިއުމާމެދު ވެސް ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގައުމުގެ މާލީ ހާލަތާ މެދު ދެފުށް ފެންނަ އުސޫލުން ސަރުކާރުން ކަންކަން ހާމަނުކުރުމުގެ ކަންބޮޑުވުން ވެސް އެބަ އޮތް ކަމަށާއި، ސަރުކާރުން އެމްއޯޔޫތަކާއި އެގްރީމެންޓްތަކުގައި ސޮއިކުރަމުންދާއިރު ދެފުށްފެންނަ އުސޫލުން އެކަން ކުރަމުން ނުދާކަމުގެ ކަންބޮޑުވުން ވެސް ދެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ބޭރުގެ ފަރާތްތަކާމެދު ވަމުންދާ އެއްބަސްވުންތައް ވަކިން ހާއްސަކޮށް ފާހަގަކުރިއެވެ.

މީގެ އިތުރުން، މާލޭގެ ރައްޔިތުންނަށް ދޭން ނިންމާފައިވާ ގޯއްޗާއި ފްލެޓް ހަވާލުކުރުން ލަސްކުރަމުންދާ ދިއުމާމެދު ދެޕާޓީން ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ހައްދެއް ނެތް މިންވަރަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރަމުންދާ ދިއުމުގެ އިތުރުން، މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅުމުގެ އަމަލުތައް ސަރުކާރުން ކުރަމުންދާ ދިއުމާ މެދުވެސް ދެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދަ ޑިމޮކްރެޓްސް އަދި އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހަކީ އެ ކަންބޮޑުވުންތަކާމެދު ސަރުކާރުން އަމަލުކުރަމުން އަންނަގޮތް ރަނގަޅުކުރުމަށާއި، ގައުމާއި ރައްޔިތުންގެ ތަނަވަސްކަމާއި ގުޅިފައިވާ އެންމެހާ ކަންކަން ސީދާ މަގަށް އެޅުވުމަށް މުހިންމު ދައުރެއް އަދާކުރާ ދައުލަތުގެ ބާރެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް