ދަންވަރުގެ ވަގުތެވެ. ގޭތެރޭގައިވަނީ ހަމަހިމޭން ކަމެވެ. ގޭގެ އެންމެންތިބީ ނިދާފައެވެ. ގޭތެރެއިން އިވޭހާވެސް އަޑަކީ ސިޓިން ރޫމުގައި ބަހައްޓާފައިހުރި ގަޑީގެ ކަށި ހިނގާ އަޑު އެކަންޏެވެ. ލާމިހު އަށް ހޭލެވުނީ ބަނޑުހައި ވެގެންނެވެ. ހެދުނުން ފެށިގެން ލާމިހު ހުރީ އެއްޗެއް ނުކައެވެ. ގޭގައި ކައްކާ އެއްޗިއްސަކީ ލާމިހުއަށް ކެވޭ ކަހަލަ އެއްޗެއް ނޫނެވެ. ލާމިހު މަޑުމަޑުން ކޮޓަރިން ނުކުތީ ކާއެއްޗެއް ހޯދުމުގެ މަޤްޞަދުގައެވެ. ނަމަވެސް ދަންވަރުގެ އެވަގުތު ކާއެއްޗެއް ހޯދަންދާނެ ދިމާލެއް ލާމިހު އަކަށް ނުވިސްނެއެވެ. އެހެން ނަމަވެސް ކޮޓަރިން ނުކުމެގެން ސިޑިން ފައިބައިގެން ގޭގެ ދޮރުހުޅުވާލަން އައިވަގުތު ސިޓިން ރޫމުގެ ލައިޓް ކުއްލިއަކަށް ދިއްލުމާއެކު ލާމިޙު ދިޔައީ ސިއްސައިގެންނެވެ.
"ކޮންތާކަށް މިގަޑީގައި ތިދަނީ..... ދަންވަރު ދޭއް އެޖެހީ....." ލާމިހުއަށް އިވުނީ ނާޞިރުގެ އަޑެވެ.
ފެންފޮދެއް ބޯލަން ތިރިއަށް އައީ... ހިތަށް އެރީ ބޭރަށް ނުކުމެ ފިނިކޮށްލައިގެންނޭ އެތެރެއަށް ވަންނާނީ.... އެހެންވެ ބޭރަށް ނުކުމެލަން ވެގެން...." ލާމިހު، ނާޞިރާ ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.
"މިގަޑީގައި ދެން ބޭރަށް ނިކުންނާނެ ކަމެއް ނެތް.... ފެންފޮދެއް ބޯލައިގެން ނިދަންދޭދެން....." ނާޞިރު މައްޗަށް ދަމުން ބުނެލިއެވެ.
ކިތަންމެ ބަނޑުހައިވެފައި ހުރިނަމަވެސް ނާޞިރު ބުނިބުނުމަށް ލާމިހު ފެންފޮދެއް ބޯލައިގެން ދިޔައީ ކޮޓަރިއަށެވެ. އެހެން ނަމަވެސް ބަނޑުހައިވެފައިވާލެއް ބޮޑުކަމުން އެއްގޮތަކަށްވެސް ނިދޭގޮތެއް ނުވިއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮތުމަށްފަހު އެންމެފަހުން އަނެއްކާވެސް ތެދުވެގެން ކާއެއްޗެއް ހޯދުމަށް މަޑުމަޑުން ބޭރަށް ނުކުތެވެ.
ތިންދުވަސް ފާއިތުވެގެން ދިޔުމަށްފަހު މިއަދަކީ ހުރިހާ މީހުން މާލެއަށް ދާން ހަމަޖެހިފައިވާ ދުވަހެވެ. ހެނދުނު ސައިގެ ކަންކަން ހަމަޖެއްސުމަށްފަހު ހުރިހާ މީހުންވެސް ތައްޔާރު ވަމުންދިޔައީ މާލެ ދިޔުމަށްޓަކައެވެ. އެތައް ދުވަހަކަށްފަހު މާލެ ދިޔުމަށްޓަކައި ޕެކްކޮށް ނިމުނުއިރު ކޮންމެ މީހެއްގެވެސް ދެ ލަގެޖަށްވުރެ ގިނަ ލަގެޖު ހުއްޓެވެ. ގޭގެ ތަޅުގަނޑި ގެބަލަހައްޓަންހުރި ނައުޝާދުއާއި ޙަވާލު ކުރުމަށްފަހު ލަގެޖުތައް ހިފައިގެން އެންމެން ދިޔައީ އެއަރޕޯޓަށެވެ. އެއަރޕޯޓަށް ދެވުނުއިރު ޗެކިން ކްލޯސްކުރާ ގަޑި ކައިރިވެފައިވާތީ ލަގެޖުތައް އަވަސްއަވަހަށް ވޭނުން ބާލައިގެން ޓްރޯލީތަކަށް އަރުވައިގެން ޗެކިން ކައުންޓަރަށް ދެވުނީ ހަމަކިރިޔާއެވެ. ޗެކިންގެ ކަންތައްތައް ނިމުނުއިރު ބޯޑިން ފަށައިފިއެވެ. ގާތްގަޑަކަށް އެއްގަޑި ސާޅިސްފަސްމިނިޓްގެ ދަތުރަކަށްފަހު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފްލައިޓް ތިރިކުރަމުންދިޔައިރު އެންމެންވެސް ތިބީ ހުޅުމާލޭ ފޭސް 2 އިން ފެންނަ ހިތްގައިމު އުސްޓަވަރުތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ރަންވޭއަށް ބޯޑު ޖެއްސުމަށްފަހު ބޯޓު ޕާކު ކުރުމަށް ހަމަޖެހިފައިވާ ސަރަޙަދަށް މަޑުކޮށްލުމާއެކު ހުރިހާ މީހުން ބޯޓުން ފައިބައިފިއެވެ. ފުވައްމުލަކަށް ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްގެ ބޯޑިން އޭރު ފެށިފައިވާތީ، ހުރިހާ މީހުންވެސް އަވަސްވެގަތީ ލަގެޖްތައް ހިފައިގެން ޑޮމެސްޓިކް ޓާމިނަލްއަށް ދިއުމަށެވެ. ހުމޭދާވެސް ޓްރޯލީއަކަށް 3 ލަގެޖް އަރުވައިގެން އެންމެންގެ ފަހަތުން ޑޮމެސްޓިކް ޓަރމިނަލްއާއި ދިމާއަށް ހިނގައިގަތެވެ. ކުއްލިއަކަށް ހުމޭދާ ސިހިގެންގޮސް ހިނގުން ހުއްޓުނެވެ.
"ނާޝިދު.... ނާޝިދު.... އެހެރީ ރާއިދު.... ރައިދުދޯ އެއީ.... ކިހިނެތްވެފަ އެހެރީ ހާދަބޮޑަކަށް ހިކިފައި...."
އިންޓަރނޭޝަނަލް ޓާރމިނަލްއާއި ދިމާއަށް ހިނގާފައިދިޔަ ރާއިދު ފެނުމާއެކީ ހުމޭދާ ނާޝިދަށް ގޮވާލުމަށްފަހު ބުނެލިއެވެ.
"ސާބަސް އެއީ އޭނައެއް ނޫނޭ.... އެއީ ރާއިދަށްވުރެ ހިކި މީހެއްނު...." ނާޝިދު އެދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.
"ނުވާނެ އެއީ ހަމަ ރާއިދު.... ހިނގާބަލަ ތަންކޮޅެއް ކައިރިއަށް...." ހުމޭދާ ޓްރޮލީ އަނބުރަލަމުން ބުނެލިއެވެ.
"ރާއިދެއް ނޫނޭ އެއީ.... ބޯޑިން ގަޑިޖެހެނީ.... ހިނގާބަލަ އަވަހަށް....." ނާޝިދު، ހުމޭދާ ހިފަހައްޓައިގެންހުރި ޓްރޯލީގައި އަނެއްއަތުން ހިފަމުން ބުނެލިއެވެ.
ހުމޭދާ ޑޮމެސްޓިކް ޓަރމިނަލްއާއި ދިމާއަށް ހިނގައިގަތުމަށްފަހުވެސް އަދި ފަހަތަށް އެނބުރި ބަލާލިއެވެ. އެމީހަކު އޭރުހުރީ ފުރޮޅުލީ ގޮނޑިއެއްގައި ހިފަހައްޓައިގެންނެވެ. ގޮނޑީގައި ކޮންމެވެސް މީހަކު އިނެވެ. އެމީހަކު މިފަހަރު ފެނުނީ ފުރަގަހުންނެވެ. އެއީ ރާއިދު ނޫން ކަމުގައިވިޔަސް އެއީ ރާއިދުއާއި ވަރަށް ވައްތަރު މީހެކެވެ. ޑޮމެސްޓިކް ޓަރމިނަލްއަށްވެސް ވަދެވުނީ އެންމެފަހު ވަގުތު ކޮޅުގައެވެ. ނާޝިދުމެން ޗެކިން ކުރީ އެންމެ ފަހު ބައެއްގެ ގޮތުގައެވެ. ޗެކްއިން ނިމުނުއިރު ބޯޑިން ފެށިފައިވާތީ ހޯލްތެރޭގައި މަޑުކޮށްލާނެ ވަގުތެއްވެސް ނުލިބުނެވެ. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން ފްލައިޓް ނައްޓާލައިގެން ގަޑިއެއްހާއިރުގެ ތެރޭގައި ފުވައްމުލަކުގެ އެއަރޕޯޓަށް ބޯޓު ޖައްސައިފިއެވެ. އެއަރޕޯޓުން ގެއަށް ދެވުނުއިރު އިރުއޮއްސިއްޖެއެވެ. ފަސްވަރަކަށް މަހަށްފަހު ފުވައްމުލަކަށް ދެވުނުއިރު ރަށަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ދުވަސްތައް ހަފުތާތަކަށް ބަދަލުވަމުންގޮސް ހަފުތާތައް މަސްތަކަށް ބަދަލުވަމުންދިޔައެވެ. ޢާއިޝާ އާއި ލާމިހުގެ ދެމެދުގައިވަނީ ލޯބީގެ ގުޅުން އުފެދިފައެވެ. ލާމިހު ވީ ޢާއިޝާ ބޭނުންވި ކަހަލަ މީހަކަށެވެ.
ހަސީނާއިނީ ގޯތިތެތޭގައި ހުރި ޖޯލިފަތީގައި މުރަނގަފަތް ނޮޅާށެވެ. ކައިރީގައި ހުމޭދާވެސް މުރަނގަފަތް ނޮޅަން އިނެވެ. ކުއްލިއަކަށް ހުމޭދާ އަތުގައި އޮތް ފަތްކޯޅި ދޮލަނގަށް ވައްޓާލުމަށްފަހު ތެދުވެގެން ދުއްވައިގަތެވެ. ހުމޭދާއަށް ދެވުނީ ވަކި ހިސާބަށެވެ. އޯކާދެމިފައި ހޮޑު ލެވިއްޖެއެވެ. ހަސީނާއިނީ އެމަންޒަރު ބަލާށެވެ. ހުމޭދާއަށް ދެތިން ފަހަރު ހޮޑު ލެވުނެވެ. އެއަށްފަހު ދުވެފައިދިޔައީ ގޭތެރެއަށެވެ. އެވަގުތަކީ ވިޔަފާރި ދަތުރެއްގައި ޚާލިދު މާލެ ދިޔުމަށްފަހު އައިސް ގެއަށް ވަންވަގުތެވެ.
"އެކަނިމާއެކަނި އިނދެގެން ކޮން ހުނުމެއް ތިހެނީ....." ހަސީނާ ހެވިފައި އިންތަން ފެނުމުން ޚާލިދު އައިސް ޖޯލި ކައިރީގައި ފޮށި ބަހައްޓާފައި ޖޯލީގައި އިށީންނަމުން އަހާލިއެވެ.
"ހޭންވީނު.... ކިއްވެ ރޯންވީ....." ހަސީނާ އަނެއްކާވެސް ހެވިފައި ބުނެލިއެވެ.
"ތިކިޔާ އެއްޗެއް އަދި އަހަންނަކަށް ނޭނގުނު....." ދޮލަނގުން ފަތްކޯޅިއެއް ނަގަމުން ޚާލިދު ބުނެލިއެވެ.
"ދުވަސްތަކަކަށްފަހު ފިރިމީހާ ރަށަށް އައުމާ، އުނގު ފަޅުފިލުވާލާނެ މާމަދަރިއަކު ލިބެންއުޅޭކަމުގެ ޚަބަރު ލިބުމާ ދެއުފާ އެއްފަހަރާ ލިބުނީމަ ދެން ހޭންވީނު.... ހަސީނާ އަނެއްކާވެސް ހެވިފައި ނުބެލިއެވެ.
"ނާ ހަމަތެދެއްތަ....؟ ކޮބާ މިހާރު އެމަންޖެ....؟" ގޭތެރެއާ ދިމާއަށް ބަލާލަމުން ޚާލިދު ބުނެލިއެވެ.
"އާނ.... ވެއްޖެ ގޭތޭރޭގަ..... ހިނގާބަލަ...." ހަސީނާ އުނގުމަތީގައިހުރި ދޮލަނގު ނަގާ ޖޯލީގައި ބެހެއްޓުމަށްފަހު ތެދުވަމުން ބުނެލިއެވެ.
"ދޮގެއްދޯ.... ސަމާސަ ނުކުރައްޗޭ....." ހަސީނާއާއެކު އެތެރެއަށް ހިނގައިގަންނަމުން ޚާލިދު ބުނެލިއެވެ.
"ނޫނެކޭ.... ހަމަތެދެކޭ.... ހިނގާބަލަ....." ހަސީނާ ހިނގައިގަންނަމުން ބުނެލިއެވެ.
ޚާލިދުއާއި ހަސީނާ އެތެރެއަށް ވަންއިރު ހުމޭދާ ތުވާލިން މޫނު ފުހެމުން ފާހާނާއިން ނުކުންނަނީއެވެ.
"މަންމަ މިދައްކަނީ ކޮންވާހަކައެއް..... އަނެއްކާ ރަނގަޅު ވާހަކައެއްތަ....؟" ހުމޭދާއާއި ދިމާއަށް ބަލަންހުރެ ޚާލިދު އަހާލިއެވެ.
ޚާލިދުގެ އެސުވާލަށް ހުމޭދާއަކަށް ޖަވާބުދޭކަށް ނުކުރުނެވެ. ލަދުން އިސްދަށަށް ޖަހާލުމަށްފަހު އާއެކޭ ބުނުމުގެ ގޮތުން ކުޑަކޮށް ހިނިތުންވެލުމަށްފަހު ބޯޖަހާލިއެވެ.
"އަލްޙަމްދު ﷲ .... މިއަދު ވަރަށް އުފާވެއްޖެ.... ކޮބާ ނާޝިދު....." ޚާލިދު ހުމޭދާގެ ކޮނޑުގައި ފިރުމާލުމަށްފަހު ބުނެލިއެވެ.
"ނާޝިދުވީ ކޮންމެސްތާކަށްގޮސް... މިހާރު އަންނާނެ...." ޚާލިދުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ހުމޭދާ ބުނެލިއެވެ.
ހުމޭދާ އޮތީ އެދުމަތީ އޮށޯވެލައިގެންނެވެ. އެވަގުތު ވަރަށް ބާރަށް އައިސް ކޮޓަރިއަށް ވަނީ ނާޝިދެވެ.
"ރަނގަޅު ވާހަކައެއްތަ މަންމަ އެދައްކަނީ....." ހުމޭދާ ކައިރީގައި އެނދުގައި އިށީންނަމުން އުފާވެރި ރާގަކަށް ނާޝިދު އަހާލިއެވެ.
"ކޮންވާހަކައެއް....." އެއްވެސް ކަމެއް ނޭނގޭ ކަމަށް ހެދިގެން އޮވެ ކުޑަކޮށް ހެވިފައިވާ ހުމޭދާ ބުނެލިއެވެ.
"ނާޝިދު ބައްޕައަކަށްވަނީތަ....؟ ހުމޭދާއާއި ދިމާއަށް ކުޑަކޮށް ގުދުވެލާފައި ނާޝިދު ސުވާލު ކުރިއެވެ.
"ހޫން.....ވަރަށް އުފާވެފަތަ ތީނީ...." ނާޝިދު އާއި ދިމާއަށް ބަލަންއޮވެ ހުމޭދާ ވާހަކަދެއްކިއެވެ.
"އުފަލޭ.... ވަރަށް އުފާވެއްޖެ.... ވަރަށް ވަރަށް ބޮޑަށް އުފާވެއްޖެ.... މިހާރު ނާޝިދު އެންމެ ބޭނުން ކަންތައް....."
ހުމޭދާގެ ނިތްކުރީގައި ނާޝިދުގެ ނިތްކުރި ޖައްސާލަމުން ނާޝިދު ބުނެލިއެވެ.
ނުނިމޭ.... ވާހައިގެ އާ ބައެއް، 28 ޖެނުއަރީ 2024، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް