ކަޅުއޮށްފުންމި މާލެ ގެނެސްފި

ދިވެހި ތާރީޚާއި ގުޅިފައިވާ ކަޅުއޮށްފުންމިއާއި އެއްގޮތަށް ފަރުމާކޮށްފައިވާ އެ އޮޑީގެ ނަކަލު މިރޭ މާލެ ގެނެސްފިއެވެ. ބާޖެއްގައި މާލެ ގެނެސް އެއް ނަމްބަރު ފާލަމުގައި އެ ނަކަލު އޮތް އިރު އާ ރަށުން އެ ދަތު...

24 Jan 2024 | 21:21

ދިވެހި ތާރީޚާއި ގުޅިފައިވާ ކަޅުއޮށްފުންމިއާއި އެއްގޮތަށް ފަރުމާކޮށްފައިވާ އެ އޮޑީގެ ނަކަލު މިރޭ މާލެ ގެނެސްފިއެވެ.

ބާޖެއްގައި މާލެ ގެނެސް އެއް ނަމްބަރު ފާލަމުގައި އެ ނަކަލު އޮތް އިރު އާ ރަށުން އެ ދަތުރު ފަށާފައިވަނީ މިރޭ 11:00 ހާއިރުގައެވެ. މާލެ ގެނެވުނީ މިރޭ 11:15 ހާއިރުގައެވެ .

މި ނަކަލު މިރޭ މާލެ ގެނެސްފައިމިވަނީ ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަހައްދުގައި އެ އޮޑި ބޭއްވުމަށެވެ.

ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އެކަމުގެ އިންތިޒާމުތައް ކުރިޔަށްގެންދާއިރު އެ ވުޒާރާއިން ބުނެފައިވަނީ ކަޅުއޮށްފުންމި ބޭއްވުމަށް އެ ކަޅުވަކަރު މިސްކިތް ހުރި ސަރަހައްދު ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.

ކަޅުއޮށްފުންމީގެ މި ނަކަލަކީ މިނިވަން 50 ގެ ރަސްމިއްޔާތަށް 2015 ވަނަ އަހަރު ބަނދެ ބޭލި އޮޑިއެކެވެ. އެ ރަސްމިއްޔާތަށްފަހު މި އޮޑި އޮތީ އާ ރަށުގައި އެހެލޭފައެވެ. މި އޮޑި އޭރު ބިނާކުރީ އުތީމު މަހާރަދުންގެ ޖިހާދާއި ކަޅުއޮށްފުންމި އޮޑިއާއި ބެހޭގޮތުން ތާރީހީ ގޮތުން ލިބެން ހުރި މައުލޫމާތުތައް ދިރާސާކުރުމަށްފަހު އަސްލު ކަޅުއޮށްފުންމިއާއި ވީހާވެސް އެއްގޮތްވާގޮތަށެވެ.

ކަޅުއޮށްފުންމި އޮޑިއަކީ މީލާދީން 1558 ވަނަ އަހަރު ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރުމުން ރާއްޖެ މިނިވަން ކުރުމަށް އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެކެވެ.

މި ސަރުކާރުގެ ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ތައްޔާރުވަމުން އަންނަނީ މިހާރު ކަޅުވަކަރު މިސްކިތް ހުރި ސަރަހައްދުގައި އޮޑިހަރުގެއެއް އަޅައި އަދި ކަޅުއޮށްފުންމި ބަލަން ތިބެވޭނެ ޕްލެޓްފޯމެއްވެސް ހެދުމަށްފަހު އެ ސަރަހައްދުގައި މި ނަކަލު ބޭއްވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް