މާދަމާއިން ފެށިގެން އައު ސާމްޕަލް ސެންޓަރެއް މާލޭގައި ހުޅުވަނީ

މާދަމާއިން ފެށިގެން އައު ސާމްޕަލް ސެންޓަރެއް މާލޭގައި ހުޅުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭ އިން ބުނީ މި ސާމްޕަލް ސެންޓަރު ހުންނާނީ ސިނަމާލެ ބްރިޖް ސަރަހައް...

25 Jan 2022 | 18:19

މާދަމާއިން ފެށިގެން އައު ސާމްޕަލް ސެންޓަރެއް މާލޭގައި ހުޅުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މި ސާމްޕަލް ސެންޓަރު ހުންނާނީ ސިނަމާލެ ބްރިޖް ސަރަހައްދާއި ކައިރީގައި ހުންނަ ޕާކިންގ ޒޯނުގައި ކަމަށެވެ. އަދި މާދަމާ ހެނދުނު 9:00 އިން ފެށިގެން އެތަނުން ސާމްޕަލް ޓެސްޓުކުރަން ފަށާނެކަމަށް ވެސް ބުންޏެވެ.

މިއާއެކު މާލެ ސަރަހައްދުގައި ހެންވޭރު ސްޓޭޑިއަމްގައި ހުންނަ ސެންޓަރާއި، ސޯޝަލް ސެންޓަރާއި މާދަމާ ހުޅުވާ ސިނަމާލެ ބްރިޖު ކައިރީގައި ހުންނަ ސެންޓަރުން ސާމްޕަލް ނަގާނެއެވެ. ހުޅުމާލޭގައި ސާމްޕަލް ސެންޓަރަކަށް ހުންނާނީ ރުއްގަނޑު ސަރަހައްދުގައި ހުންނަ ސެންޓަރެވެ. އަދި ވިލިމާލޭގައި ސާމްޕަލް ސެންޓަރަކީ އެ އަވަށުގެ ފްލޫ ކްލިނިކެވެ.

ފްލޫ ކްލިނިކްގެ ގޮތުގައި މާލޭގައި އޮޕަރޭޓްކުރާނީ ސެނަހިޔާ ފްލޫ ކްލިނިކެވެ. އަދި އެފްއޭއެމް ބިލްޑިންގ ގައި ހުންނަ ސެންޓަރުން ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ލިބޭގޮތަށް ހަމަޖައްސާފައިވާ އިރު، އައިޖީއެމްއެޗުގައި ވެސް ފްލޫ ކްލިނިކެއް ހުރެއެވެ.

ސެނަހިޔާއިން އާންމުންނަށް ޓެސްޓުކުރެވޭނަމަވެސް އައިޖީއެމްއެޗުގެ ފްލޫ ކްލިނިކުން ޓެސްޓުކޮށްދެނީ ހަމައެކަނި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން އެކަންޏެވެ.

ހުޅުމާލޭގައި ފްލޫ ކްލިނިކެއް ގޮތަށް އޮޕަރޭޓްކުރާނީ ހުޅުމާލެ ހޮސްޕިޓަލެވެ. އަދި ވިލިމާލޭގައި ފްލޫ ކްލިނިކަކީ ފެރީ ޓަރމިނަލް ކައިރީގައި ހުންނަ ކްލިނިކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް