ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދަށް ކެމްޕެއިން ކުރެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ކޮމަންޑުއަށް ވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީން ބުނެފައިވަނީ މި ދަތުރުގައި ލީޑަރު ގާސިމުގެ އިތުރުން އެޕާޓީގެ އިސް ބޭފުޅުން ވެސް ވަޑައިގެންފައިވާ ކަމަށެވެ. އަދި ގާސިމްގެ މި ދަތުރުގައި ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.
މި ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމާފައިވަނީ ޖުމްހޫރީ ޕާޓީ އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލާތު ޕާޓީންނެވެ.
އެހެންނަމަވެސް އެ ކޯލިޝަން ގައި ހިމެނޭ އެމްއާރުއެމުން މިހާތަނަށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށްފައެއް ނުވެއެވެ. އެ ޕާޓީން ބުނެފައިވަނީ އެންމެ ގާބިލު ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުންނެވެ.
މި ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދު ވާދަކުރައްވާ އިރު، އިދިކޮޅު ޕީޕީއެމުން ވާދަކުރައްވަނީ މޫސާ ފަތުހީ އާދަމެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.
އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑު ދާއިރާގެ ބައި އިލެކްޝަންގައި ކޮމަންޑޫ ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 3316 އެވެ.
އެ ދާއިރާގައި ހިމެނެނީ ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް