ކޮވިޑް-19 ގެ އޮމިކްރޯން ވޭރިންޓާއި އެކު ކޮވިޑްގެ ވަބާގެ ނިމުން ކަމަށް ގަބޫލުކުރުމަކީ ގޯހެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯގެ އިސްވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސް އިއްޔެ ބުނީ އޮމިކްރޯން އަކީ އެންމެ ފަހު ވޭރިއަންޓް އަށް ވާނެ ކަމަށް ހީކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމުގައެވެ. އަދި އިތުރު ވޭރިއަންޓްތަކެއް އުފެދުމަކީ ވެދާނެ ކަމެއް ކަމުގައެވެ.
މީގެ އިތުރުން އޮމިކްރޯން ވޭރިއަންޓް ފެތުރެން ފެށުމާއި އެކު ގިނަ ހިސާބުތަކެއްގައި އާބާދީގެ ބޮޑުބައެއް ވެކްސިން ފުރިހަމަ ކޮށްފައިވާތީވެ، ބަލިމަޑުކަމުގެ އެންމެ ގޯސް ހާލަތު ފަސްވެދާނެ ކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން ޑަބްލިޔުއެޗްއޯގެ އިސްވެރިޔާ ޓެޑްރޯސް ވަނީ ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރުމުގައި އެއްބައިވަންތަކަމާއި އެކު މަސައްކަތްކުރުމަށް އާންމުންނަށް ގޮވާލާފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން މިވަނީ ތިންވަނަ އަހަރަކާއި ކުރިމަތިލާފައި ކަމަށާއި އަހަރެމެން މިތިބީ ވަރަށް ނާޒުކު ފައްތަރެއްގައި ކަން ޓެޑްރޯސް ވަނީ މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނެފައެވެ. އަދި މި ބަލި މަޑުކަން ބިރުވެރިކަމާއި، އިހުމާލުގައި ދޫކޮށް ނުލެވޭނެ ކަން ފާހަގަކޮށް ޓެޑްރޯސް ބުނީ މި ވަބާ ނިމުމަކަށް ގެނައުމަށް އެންމެންގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް