ހުޅުމާލޭގައި ހިންގަމުން އަންނަ ފެންޓަސީ އެކްސްޕްރެސް ސުޕަމާކެޓްގެ ވިޔަފާރި ހުއްޓާލަން ނިންމައިފިއެވެ.
ފެންޓަސީ ކުންފުނިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަހުގެ 31 ވަނަ ދުވަހު އެ ވިޔަފާރި ދާއިމީގޮތެއްގައި ހުއްޓާލާނެ ކަމަށެވެ.
ސަބަބުތަކުގެ ތެރޭގައި ބުނެފައިވަނީ އެ އިމާރާތުގެ ޖާގައިގެ ގޮތުންނާއި ޑިޒައިން ކުރެވިފައިވާ ގޮތުން ސުޕަމާކެޓްގެ ވިޔަފާރި ހިންގަން ކަމުދާތަނަކަށް ނުވާތީ ކަމަށެވެ.
"ވަންނަ ހުންނަ މައިދޮރުގެ އެތެރޭގެ ހަރުފަތްތަކުގައި އަޅައިގަނެ، އެތައް ކަސްޓަމަރުންނެއް ވެއްޓި، އެކިވަރުގެ އަނިޔާ ލިބިފައިވޭ" އެ އިއުލާނުގައި ބުނެފައިވެއެވެ.
މިގޮތަށް ލިބޭ އަނިޔާއަށް ބަދަލުހޯދުމަށް ބައެއް ކަސްޓަމަރުން އެ ކުންފުންޏާ ގުޅައިގެން މަސައްކަތްކޮށްފައިވެސް އެބަހުރި ކަމަށާއި އިމާރާތުގެ ތަނބުތަކާއި އެތެރޭގެ ޖާގަ ހުންނަގޮތުން ހިދުމަތް އަވަސްކުރުމަށް ކައުންޓަރު އިތުރުކުރެވޭނެ ނުވަތަ އެތެރޭގެ ތަރުތީބު ބަދަލުކޮށްލެވޭނެވަރުގެ ޖާގައެއްވެސް ނެތްކަމަށްވެސް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މިފަދަ ދަތިތައް ކުރިމަތިނުވާގޮތަށް ސުޕަމާކެތް ހިންގަން އެކަށޭނެ ތަނަވަސް ތަނެއް ހުޅުމާލެއިން ލިބޭތޯ ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައިކަމަށާއި ނަމަވެސް މިކަމަށް އެއްވެސް އަލިމަގެއް ފެނިފައިނުވާތީ ފެންޓަސީ އެކްސްޕްރެސްގެ ސުޕަމާކެޓްގެ ވިޔަފާރި ހުއްޓާލަން ނިންމީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް