ހުޅުމާލޭ ފޭސް ދޭއްގައި ކޯވިޑް-19އަށް ޓެސްޓު ކުރެވޭ ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހުޅުވައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ސެންޓަރުން ހިދުމަތް ދޭން ފަށާނީ މިއަދު މެންދުރު ފަހު 3.30 ން ފެށިގެން ކަމަށެވެ.
ޓެންޓު ޖަހައިގެން ހަދާފައިވާ އެ ސާމްޕަލް ކަލެކްޝަން ސެންޓަރު ހަދާފައިވަނީ ހިޔާ ފްލެޓުތަކުގެ ތެރެއިން އެޗް 8 ކައިރީގައި އެވެ.
މި ސެންޓަރުގެ ހިދުމަތް ދޭން ފެށުމުން މާލެ ސަރަހައްދުގައި ހިލޭ ކޯވިޑަށް ޓެސްޓު ކުރެވޭ ސާމްޕަލް ކަލެކްޝަން ސެންޓަރުތަކުގެ އަދަދު ފަހަކަށް އަރާނެ އެވެ. އެޗް 8 ކައިރީ ހަދާފައިވާ ސެންޓަރުގެ އިތުރުން ހުޅުމާލޭ ފޭސް އެކެއްގެ ރުއް ގަނޑު އެކެއްގައިވެސް ވަނީ މިދިޔަ ހަފްތާގައި ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހުޅުވާފަ އެވެ.
ދެން ސާމްޕަލް ކަލެކްޓު ކުރަމުންދަނީ ހެންވޭރު ދަނޑުގައި ހަދާފައިވާ ސެންޓަރާއި ސޯޝަލް ސެންޓަރުގެ އިތުރުން ވިލިމާލޭ ފްލޫ ކްލިނިކުންނެވެ.
މާލޭގެ ޕޮސިޓިވިޓީ ރޭޓު ފަސް ޕަސެންޓަށްވުރެ އިތުރުވެފައިވާތީ މިހާރު އަތޮޅުތެރެއަށް ދަތުރު ކުރެވެނީ ޕިސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާ އަކާއި އެކު އެވެ. އެޗްޕީއޭއިން މިގޮތަށް ނިންމުމާއި ގިނަ އަދަދެއްގެ ބަޔަކު އަތޮޅުތެރެއަށް ދަތުރު ކުރުމަށް ޓެސްޓު ހަދަން ކިޔޫ ހަދާފައިވެ އެވެ.
އެހެންވެ މިހާރު ދަނީ މާލެ ސަރަހައްދުގައި ސާމްޕަލް ކަލެކްޝަން ސެންޓަރުތައް އިތުރު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް