އެކި ނަންނަމުގައި ފޯނުން ގުޅައިގެން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާކަމުގެ ޝަކުވާތައް އަނެއްކާ ވެސް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
މިގޮތުން ތަފާތު މުދަލާއި ހިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމަށް ބުނެ އެކި ކަސްޓަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަަމަށް އެ ބޭންކުން ބުނެއެވެ. އަދި ސޯޝަލްމީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، އެ ބޭނުން ކޮށްގެންނާއި ބައެއް ފޭކު ޕޭޖުތައް ހަދައިގެން، މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތު ވެސް އެބޭންކަށް ލިބިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ކަމަށާއި މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ދެއްވާ އޯޑަރުތަކަށް ތަކެތި ލިބުމުގެ ކުރިން ފައިސާ ނުދެއްކެވުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދެއްވުމަށާއި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަރނެޓް ބޭންކިންގ އަދި ކާޑުގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެއްވުމަށް ވެސް އެދިފައިވެއެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ދަނީ އެކި ގޮަތްގޮަތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާ އެކު ފައިސާ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި މިދަނޑިވަޅުގައި ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ކަސްޓަމަރުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް