ބައެއް ކްލިނިކްތަކުން ނާޖާއިޒު މަންފާ ހޯދުމަށް އޮޅުވާލައިގެން ބިލް ކުރަމުންދާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ބައެއް ކްލިނިކުތަކުން ބަލިމީހާ ހޯދި ޚިދުމަތަށް ވާ ފައިސާ އެމީހެއްގެ އަތުންނާއި އާސަންދައިން ހޯދާ މައްސަލަތައް ފެންމަތިވެފައިވާ ކަމަށެވެ. އަދި ފާމަސީތަކުން ވެސް ނުދޭ ބޭހަށް ބިލުކުރުމުގެ މައްސަލަތައް ވެސް ފެންމަތިވެފައިވާކަމަށެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާސަންދަ ކުންފުނީގެ ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިއާ ވިދާޅުވީ އެކުންފުނީގެ އަހަރީ ދުވާހާ ގުޅުވައިގެން ތައާރަފްކުރި ނޮޓިފިކޭޝަން ޚިދުމަތަށް މަހެއް ވެފައިވާއިރު، މިހައިތަނަށް 325 ޝަކުވާއެއް ޢާންމުން ހުށައަޅާފައިވާކަމަށެވެ.
"މީގެތެރެއިން 15 އިންސައްތަ މީހުން ހުށައަޅާފައިވަނީ އެމީހުން ނުހޯދާ ޚިދުމަތަކަށް ބިލް ކޮށްފައިވުމުގެ މައްސަލަ. މިފަދަ މައްސަލަތައް އާސަންދައިން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަޙުޤީޤު ކުރާނަން." ޒީނިއާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިގޮތަށް ބެލި ބެލުމުން، ބައެއް ކްލިނިކްތަކުން ނާޖާއިޒު މަންފާ ހޯދުމަށް އޮޅުވާލައިގެން ބިލް ކުރަމުންދާކަން ހާމަވެފައިވާ ކަމަށާއި މިކަމާ ގުޅިގެން މިހައިތަނަށްދެ ކްލިނިކެއް ސަސްޕެންޑްކޮށް އެ މައްސަލަ ބަލަމުންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް