ފްލައިން ސްކޫލްގެ ޖެނެރަލް މެނޭޖަރަކަށް ދިވެއްސަކު ހަމަޖައްސައިފި

އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ހިންގާ ފްލައިން ސްކޫލްގެ މައްސަލަތައް ހައްލު ކުރުމަށް ޖެނެރަލް މެނޭޖަރަކަށް ދިވެއްސަކު ހަމަޖައްސައިފި އެވެ. މިކަން ހާމަކުރީ ފްލައިން ސްކޫލުން ނެ...

25 Jan 2021 | 16:44

އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ހިންގާ ފްލައިން ސްކޫލްގެ މައްސަލަތައް ހައްލު ކުރުމަށް ޖެނެރަލް މެނޭޖަރަކަށް ދިވެއްސަކު ހަމަޖައްސައިފި އެވެ.

މިކަން ހާމަކުރީ ފްލައިން ސްކޫލުން ނެރުނު ބަޔާނެއްގައި އެވެ. އެ ސްކޫލުން ބުނީ ޖެނެރަލް މެނޭޖަރަކަށް ހަމަޖައްސާފައިވަނީ މ. ޒޭވަރު، މުހައްމަދު ފަޒީލް ރަޝީދު ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެއްސަކު އެ މަގާމަށް ހަމަޖެއްސުމުން އެކަޑެމީ ހިންގުމަށް ދިމާވެފައިވާ ދަތިތަކަށް މުސްތަގުބަލުގައި އަވަސް ހައްލެއް ގެނެވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އެގޮތުން އެ މަގާމުގައި ދިވެއްސަކު ހުންނެވުމުން ސްކޫލު ހިންގުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތައް ސަރުކާރާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހައްލުކުރުމުގައި ދަރިވަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބުނެ އެވެ.

ފްލައިން ސްކޫލްގެ މައްސަލަ ހައްލު ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެ ސްކޫލްގެ މެނޭޖްމެންޓަށް އިންޒާރު ދީފައި އެވެ. އެގޮތުން އެ ސްކޫލުން ވަކި ކުރަން ނިންމާފައިވާ ދަރިވަރުންތަކަކަށް ފޮނުވި ނޯޓިސް ބާތިލް ކުރަން އަންގާފައިވެ އެވެ.

އަދި ހަމައެކަނި ޑޮލަރުން ފީ ނުނެގޭނެ ކަމަށާއި ދަރިވަރުން ތަމްރީން ހެދުމަށް ބޭނުން ކުރާ މަތިންދާ ބޯޓުތަކުގެތެރެއިން ހަލާކުވެފައިވާ ބޯޓުތައް ވީހާވެސް އަވަހަކަށް މަރާމާތު ކުރުމަށް އަންގާފައިވެ އެވެ.

އެ ސްކޫލާއި މެދު ދަރިވަރުންގެ މެދުގައި ހުރި ހިތްހަމަ ނުޖެހުންތަކުގެ ތެރޭގައި ކުދިން ގިނަ ވުމުން ތަމްރީން ހެދުމަށް ފުރުސަތު ނުލިބުން ހިމެނެ އެވެ. ކޯސް ދިގުލައިގެން ދިޔުމުގެ މައްސަލައަކީވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް