ހުޅުމާލޭ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި ނަމާދަށް ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާ ދިން ބިދޭސީ މީހާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ދުވަސްވީ މީހާއަށް ހަމަލާ ދިނީ އިންޑިއާ މީހެކެވެ.
އެމީހާ އެ ދުވަހު ހައްޔަރު ކުރުމަށް ފަހު ޖެހިގެން އައި ދުވަހު ވަނީ 10 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައި އެވެ. ފުލުހުން މިއަދު ބުނީ އެމީހާގެ ބަންދުގެ މުއްދަތު މިއަދު ހަމަވުމުން ކްރިމިނަލް ކޯޓުން އިތުރު ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.
އެ ހަމަލާ ދިން އިރު ދުވަސްވީ އެމީހާ ހުރީ އަސުރު ނަމާދަށެވެ. މަންޒަރު ދުށް ބައެއް މީހުން މީޑިއާގައި ބުނީ ބިދޭސީ މީހާ ފަހަތުން ގޮސް އެމީހާ ކަރުގައި ހިފީކަމަށާއި ބިދޭސީ މީހާ ހުއްޓުވީ މިސްކިތުގައި ތިބި އެހެން މީހުން ކަމަށެވެ.
މި މައްސަލައިގަ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ޖަމާލު ވަނީ އެމީހާގެ އަމަލު ޓެރަރިޒަމްގެ އަމަލަކަށް ހަދާފައި ނުވާތީ ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައި އެވެ. އޭނާ ވިދާޅުވެފައިވަނީ އަޅުކަން ކުރަން މިސްކިތުގައި ތިބޭއިރު ހަމަލާ ދިނުން ޓެރަރިޒަމްގެ ކުށަކަށް ނުވާ ކަމަށެވެ.
އަދި އެ ހާދިސާ އާއި ގުޅޭގޮތުން ނޫސްތަކުގައި ޖަހާފައިވާ ސުރުހީތައް ކިޔާލުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ. އިތުރަށް ވިދާޅުވީ މި މައްސަލައިގަ ހަރުކަށިކަމާއި ޓެރަރިޒަމް އޭ ކިޔައިގެން ވާހަކަ ދައްކާ މީހުންވެސް ތިބީ ހައްޕު ކިޔައިގެން ކަމަށެވެ.
އާންމު ގޮތެއްގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ދީނީ އަޅުކަން ކުރާ ތަންތަނުގައި ދޭ މިފަދަ ހަމަލާތަކަކީ ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި ކަނޑައަޅައެވެ. އެކަމަކު މި މައްސަލައިގަ ފުލުހުން އެމީހާގެ މައްސަލަ ބަލާއި ގުޅޭގޮތުން އަދިވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް