އިނގިރޭސި ކުލަބު ޗެލްސީގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރަމުން އައި ފްރެންކް ލަމްޕާޑް އެޓީމުގެ ޗީކުކަމުން ވަކިކޮށްފިއެވެ.
ލަމްޕާޑް ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފައިވަނީ ފަހަކަށް އައިސް ޗެލްސީގެ ނަތީޖާތައް މާބޮޑަށް ދަށްވުމުގެ ސަބަބުންނެވެ.
ޗެލްސީއާއި އިނގިރޭސި ގައުމީޓީމުގެ ކުރީގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ޗެލްސީގެ ކޯޗުކމާއި ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ގަތަރުވަނަ ދުވަހުއެވެ. އެގޮތުން ލަމްޕާޑް އަށް ޗެލްސީގެ ކޯޗެއްގެ ގޮތުގައި ހުރެވުނީ ބަރާބަރު 18 މަސްދުވަހުގައެވެ.
ޗެލްސީގެ ކޯޗުކަމުގެ މަގާމާއި ހަވާލުވުމަށްފަހު މިހާތަނަށް އައި އިރު އޭނާއަށް ޗެލްސީގައި ރަނގަޅު ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އެ ޓީމަށް އަމާޒުވިއެވެ. މި ސީޒަނުގައި ޗެލްސީ މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. އެއީ ކުޅުނު 19 މެޗުން ލިބުނު 29 ޕޮއިންޓާއެކު އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވިއިރު ލީގު ރޭހަށް ކުރާ އުއްމީދު އެޓީމުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އުމުރުން 42 އަހަރުގެ ލަމްޕާޑް ޗެލްސީގެ ކޯޗުކަމުގައި އެންމެ ފަހުން ހުރީ އިއްޔެ އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ލޫޓަން ޓައުން އަތުން 3-1 އިން މޮޅުވި މެޗުގަ އެވެ.
ޔޫއެފާގެ އަދަބު އުވާލުމާ އެކު އާ ސީޒަނަށް ޗެލްސީ ނުކުތީ އަގުބޮޑު ޒުވާން ހަތް ކުޅުންތެރިންނާއި އެކުގައެވެ. އެޓީމަށް އިތުރުކުރި ހަތް ކުޅުންތެރިންގެ ތެރޭގައި 45 މިލިއަން ޕައުންޑަށް ގެނައި ބެން ޗިލްވެލް އާއި 71 މިލިއަން ޕައުންޑަށް ގެނައި މިޑްފީލްޑަރު ކައި ހަވާޓްޒްގެ އިތުރުން ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ހިމެނެ އެވެ. އެހެން ނަމަވެސް އެޓީމަށް މާ އެދެވޭ ކާމިޔާބީތަކެއް ހާސިލްވެފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާގޮތުން ޗެލްސީގެ ކޯޗުކަމާއި ދެން ހަވާލުވާނެ ކަމަށް ބެލެނީ ޕީއެސްޖީގެ ކުރީގެ ކޯޗު ޓުޗެލްއެވެ. އެގޮތުން ޗެލްސީން ދަނީ ޓުޗެލް އާއެކު އެންމެ ފަހުގެ މަޝްވަރާތައް ވެސް ބާއްވަމުންނެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް މިކަން މީޑިއާއަށް ހާމަކުރުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް