ދިވެހި ސިފައިންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރު އަދާކުރައްވައި، މިއަދު ވަޒީފާގެ ކުރިއެރުން ހޯދި ސިފައިންނަށް މަރުހަބާ ދަންނަވައިފިއެވެ.
ސިފައިންނަށް މަގާމުގެ ކުރިއެރުން ދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމް.އެން.ޑީ.އެފް އަކީ، ޢަސްކަރީ ޚިދުމަތަކަށްވިޔަސް، ދިވެހި ސިފައިންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ މަދަނީ ވަރަށްގިނަ ޚިދުމަތްތައް އެބަހުރި ކަމަށެވެ.
އެގޮތުން މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް، ދިވެހިސިފައިން، ދިވެހިރައްޔިތުންނަށްޓަކައި ވަމުން އަންނަނީ، އަގުނުކުރެވޭފަދަ މަތިވެރި ޤުރުބާނީތަކެއް ކަމަށާއި ކޯވިޑް-19ގެ ވެކްސިން ދިނުމަށް، މިހާރު ވަމުން އަންނަ ތައްޔާރީތަކުގައިވެސް، ދިވެހި ސިފައިންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް އަންނަނީ ލިބެމުން ކަން ރައީސް ފާހަގަކުރެއްވިއެވެ.
" އާދެ، މިދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް، ކަނޑުމަތީގެ 667 ހާދިސާއެއްގައި، 1880 މީހަކަށް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. އަދި ޙާލު ބޮޑުވި ބަލިމީހުންގެ ތެރެއިން 4886 މީހަކު، ސީ-އެމްބިއުލާންސްގަޔާއި ހެލިކޮޕްޓަރުގައި އެއްތަނުން އަނެއްތަނަށް ގެންގޮސްދީފައިވޭ." ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، ހެންވޭރު ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި، މާލޭ ޓީ-ޖެޓީ ސަރަޙައްދުގައި އޮތް ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާއި، މިދިޔަ އަހަރުގެ އޮގަސްޓު މަހު، ހެންވޭރު ތިއޯލޯ ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައިވެސް، ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ސިފައިން ކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތްތަކެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
" މި ހުންނަނީ، އިންސާނުންގެ ފުރާނަޔާ ގުޅިފައި ހުރި، ވަރަށް މުހިންމު އިންސާނީ ޚިދުމަތްތަކެއް. މިފަދަ ކޮންމެ ކަމަކަށްވެސް ސިފައިން ނުކުންނަނީ، ތިމާގެ އަމިއްލަ ފުރާނައާއި ޢާއިލާއަށްވުރެ، ޢާންމު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމަށް އިސްކަންދީގެން. މި މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ދިވެހި ޢަސްކަރިއްޔާގެ ހުރިހާ ރޭންކުތަކެއްގެ އެންމެހައި ސިފައިންނަށް، ދިވެހި ރައްޔިތުންގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." ރައީސް ސޯލިހް ދެންނެވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ސިފައިންނާ މުހާތަބު ކުރައްވައި ވިދާޅުވީ ދިވެހި ސިފައިންނަކީ އެއިރެއްގައި ކުރިމަތިވާ އެންމެ ބޮޑެތި ނުރައްކާތަކާ އެކަށޭނަ މިންވަރަށް، އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބެންޖެހޭނެ ބައެއް. އެއީ ޢަސްކަރީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ މަދަނީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ ޓެރަރިޒަމްގެ ނުރައްކަލެއް ކަމަށްވިޔަސް، ދިވެހި ސިފައިން ތިބެން ޖެހޭނީ، އެކަންކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.
ތައްޔާރީ ޙާލަތުގައި ދިވެހި ޢަސްކަރިއްޔާ ބޭއްވުމުގެ ބޭނުމުގައި، މިދިޔަ ދެ އަހަރުގެ ތެރޭގައި، ބޭރު ޤައުމުތަކާއެކު، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ވަރަށް ބޮޑަށް ބަދަހިކުރެވިއްޖެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި، ސިފައިންގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި، ޢަސްކަރީ އުޅަނދުތަކާއި ސާމާނުތައް ތަރައްޤީކުރުމަށް، އެކުވެރި ޤައުމުތަކުގެ ޢަސްކަރީ އެހީތެރިކަންވެސް ވަރަށް ފުޅާ ދާއިރާއެއްގައި އަންނަނީ ލިބެމުންކަން ރައީސް ފާހަގަކުރެއްވިއެވެ.
" އޭގެތެރެއިންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ޑިފެންސް މިނިސްޓްރީގެ އައު ޢިމާރާތް އެޅުމަށް، އިންޑިއާ ސަރުކާރުން ދީފައިވާ 5.08 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މިހާރު ކުރިއަށްދާ މަޝްރޫޢުގެ ވާހަކަ. އަދި ޖަޕާން ސަރުކާރުގެ އެހީގައި، ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރުގެ އައު ޢިމާރާތް އެޅުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރެވިފައި." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ޢަސްކަރިއްޔާގެ ތަރައްޤީއަށް، ވަރަށް ގިނަ ޤައުމުތަކެއްގެ އެހީތެރިކަން، މިދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ރާއްޖެއަށް ލިބިފައިކަމަށާއި މިފަދަ އެހީތައް ރާއްޖެއަށް ލިބެނީ، ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު، ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރެވި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައަށް ރާއްޖެއިން ދޭ ސަމާލުކަމާއި އެކަމަށްޓަކައި ކުރާ މަސައްކަތް، ބޭރު ދުނިޔެއިން ބަލައިގަންނާތީ ކަމުގައި ދެކިލައްވާކަމަށެވެ. ވަކިން ޚާއްޞަ ގޮތެއްގައި، ރާއްޖެއަކީ ހަރުކަށި ފިކުރުތަކާއި، ޓެރަރިޒަމްގެ ޢަމަލުތަކާ ދެކޮޅަށް އަބަދުވެސް އަޑުއުފުލާ ޤައުމަކަށްވާތީ، އަދި ޞުލްޙަ ޤާއިމުކުރުމުގެ ގޮތުން، ރާއްޖޭގެ ޢަސްކަރިއްޔާ ވަރުގަދަ ކުރުމަކީ މުހިންމު ކަމެއްކަމަށް އެ ޤައުމުތަކުންވެސް ޤަބޫލުކުރާތީ ކަމަށާއި އިރާދަކުރެއްވިއްޔާ މިކަންކަމުގެ ހެޔޮ ނަތީޖާ ދިވެހިރާއްޖެއަށާއި މި ސަރަޙައްދަށްވެސް ކުރާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް