ރެކޯޑް އަދަދަށް، ކަނބަލުން ޕްރޮމޯޝަން ހާސިލުކޮށްފައިވާތީ މިނިސްޓަރުގެ ހޫނު މަރުހަބާއެއް އެ ކަނބަލުންނަށް

މިއަހަރު ރެކޯޑް އަދަދަކަށް އަންހެން ސިފައިން މަޤާމުގެ ކުރިއެރުން ޙާސިލްކުރައްވާފައިވާތީ، އެހުރިހާ ކަނބަލުންނަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަރަށް ހޫނު މަރުޙަބާއެއް ކިޔުއ...

25 Jan 2021 | 13:06

މިއަހަރު ރެކޯޑް އަދަދަކަށް އަންހެން ސިފައިން މަޤާމުގެ ކުރިއެރުން ޙާސިލްކުރައްވާފައިވާތީ، އެހުރިހާ ކަނބަލުންނަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަރަށް ހޫނު މަރުޙަބާއެއް ކިޔުއްވައިފި އެވެ.

ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ މި ސަރުކާރަކީ މިންތީގެ ހަމަހަމަކަން ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ސަރުކާރެއް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މިއަދު މަޤާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި އޮފިސަރުންގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަޤާމް ހާސިލް ކުރެއްވި ކަނބަލުން ހިމެނިވަޑައިގަންނަވާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އެތިން ކަނބަލުންނަކީ ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަޙްސީނާ އިބްރާހީމް އަދި ލެފްޓިނެންޓް ކާނަލް ޑރ. އައިމިނަތު ޝުމްރާ އެވެ.

މިއަދު ދިވެހި އަސްކަރިއްޔާއިން މި ހުރިހާ ކުރިއެރުމެއް މި ޙާސިލްކުރެވެނީ، ރައީސް ޞާލިޙް ދެއްވާ އިރުޝާދާއި އަގުހުރި ލަފާގެ މަތިން، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ލީޑަރޝިޕާއި، ހުރިހާ ރޭންކެއްގެ ސިފައިންގެ ބުރަ މަސައްކަތާއި އެއްބާރުލުން ލިބިގެން ކަމަށް ވެސް މިނިސްޓަރު ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، މިއަދު ދިފާޢީ މުއައްސަސާގެ ކޮންމެ ކުރިއެރުމަކީ، އެކަމަށް އޮންނަ އުޞޫލުގެ ތެރެއިން ސިފައިން ޙާސިލްކުރާ އެއްޗެއް ކަމަށާއި، ވަކި ފިކުރަކަށް ނުވަތަ ވަކި މީހެއް ބަލާފައި ނުވާނެކަމަށް ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

"އެއީ، ތިޔަ އޮފިސަރުންގެ މައިންބަފައިން ތިޔަ ބޭފުޅުންނަށް ދެއްވި ފުރިހަމަ ތަރުބިއްޔަތާއި އަޚްލާޤީ ހަމަތަކުގެ ބިންގަލުން ނުކުންނަ ނަތީޖާ. އެއީ، ތިޔަ އޮފިސަރުންގެ އަނބިދަރިންނާއި އާއިލާގެ މެންބަރުންނާއި ގާތް އެކުވެރިން ތިޔަ ބޭފުޅުންނަށް ދޭ ލޯތްބާއި ހިތްވަރުން ނުކުންނަ ނަތީޖާ. އަދި އެއީ، ތިޔަ އޮފިސަރުންގެ މައްޗަށް ތިއްބަވާ ކޮމާންޑަރުންނާއި މުދައްރިބުންނާއި މުދައްރިސުން ދެއްވާ އިރުޝާދުގެ ނަތީޖާ. މިއަދު، ތިޔަ އޮފިސަރުން ހޯއްދަވާ ޕްރޮމޯޝަނަކީ، ތިޔަ ސިފައިންނަށް ޙައްޤު އެއްޗެއްކަން، މުޅި މި މުއައްސަސާ ހެކިވާނެ." މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް