ކަސްޓަމްސް މެދުވެރިކޮށް މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 30 ޕަސެންޓު ދަށް ވެއްޖެ އެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު ދައުލަތަށް ކަސްޓަމްސް މެދުވެރިކޮށް އިމްޕޯޓާއި އެކްސްޕޯޓު ޑިއުޓީގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 252 މިލިއަން ރުފިޔާ އެވެ. އެކަމަކު 2019 ވަނަ އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި 359 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެ އެވެ. މިދިޔަ މަހު 2.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކުރި އިރު މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 40 ޕަސެންޓު ދަށް އަދަދެކެވެ.
މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކޮށްފައިވަނީ 459 މިލިއަން ރުފިޔާގެ މުދަލެވެ. އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓު ކޮށްފައިވަނީ 425 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ އަށް ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ އާއި އޫއޭއީ އަދި އިންޑިއާ އެވެ. ޗައިނާ އަދި ޔޫއޭއީން 408 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 360 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.
މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި ތަކެތީގެ 70 ޕަސެންޓު މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑަށެވެ. ފަސް ޕަސެންޓު ޖަރުމަނުވިލާތަށް ކޮށްފައިވާއިރު އިންޑިއާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތަށް އެކްސްޕޯޓުކޮށްފައިވަނީ ތިން ޕަސެންޓު މުދަލެވެ.
ރާއްޖެއިން އާންމުކޮށް އެކްސްޕޯޓު ކުރަނީ މަހުގެ ބާވަތްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް