ގާސިމް މަރާލިކަމަށް އަދުހަމް އަނެއްކާވެސް އެއްބަސްވާން ބޭނުން ވެއްޖެ

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމަށް އަދުހަމް މުހައްމަދު އަނެއްކާވެސް އެއްބަސް ވާން ބޭނުން ވެއްޖެ އެވެ. ހުޅުމާލޭ މީހުން ނޫޅޭ ސަރަހައްދެއްގައި ތޫނު އެއްޗަކުން އަދުހަމް ގާސިމަށް ހަމަލާ ދިނީ2019 ...

25 Jan 2021 | 09:35

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމަށް އަދުހަމް މުހައްމަދު އަނެއްކާވެސް އެއްބަސް ވާން ބޭނުން ވެއްޖެ އެވެ.

ހުޅުމާލޭ މީހުން ނޫޅޭ ސަރަހައްދެއްގައި ތޫނު އެއްޗަކުން އަދުހަމް ގާސިމަށް ހަމަލާ ދިނީ2019 ވަނަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. އޭނާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މިމައްސަލައިގަ އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި އޭނާ ދައުވާއަށް އެއްބަސްވުމުން އަވަސް މައްސަލައެއްގެ ގޮތުގައި ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގައި އަދުހަމް ވަނީ ގާސިމް މަރާލި ކަމަށް އިންކާރު ކޮށްފައި އެވެ.

އެނާ ބުނެފައިވަނީ ފުރަތަމަ އަޑުއެހުމުގައި ގާސިމް މަރާލިކަމަށް އެއްބަސްވީ ފުލުހުން ބިރު ދައްކައިގެން ކަމަށެވެ. އަދި ފުލުހުންގެ ބަންދުގައި ގޮޅީގައި އޮތް އިރު ސިނގިރޭޓާއި ސުޕާރީ އާއި މަސްތުވާއެއްޗެހި އޭނާއަށް ފުލުހުން ދިން ކަމަށް ބުނެފައިވެ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އޭނާގެ ގާނޫނީ ވަކީލު ވިދާޅުވީ ގާސިމް މަރާލިކަމަށް އަދުހަމް އަނެއްކާވެސް އެއްބަސްވާން ބޭނުން ކަމަށެވެ. ވަކީލު ވިދާޅުވީ އަލުން އިއުތިރާފްވެއްޖެ ނަމަ، އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން ލުއި ލިބޭނެ ގޮތްތަކެއް ހަމަޖައްސައިދޭން އެދޭ ކަމަށެވެ.

އެކަމަކު ދައުލަތުން ވަނީ އެކަމަށް އިންކާރުކޮށް ޝަރީއަތް ކުރިޔަށް ގެންގޮސް މައްސަލަ ނިންމާލުމަށް އެދިފައި އެވެ. މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވީ އިއުތިރާފް އެއްބަސްވުމާ ހިލާފްވެއްޖެ ނަމަ، ލުއިތައް ގެއްލޭނެ ކަން އަދުހަމަށް ކުރިން ބުނެދީފައިވާނެ ކަމަށާއި އޭނާ އެކަން އެނގިހުރެ ދައުވާއަށް އިންކާރު ކޮށްފައިވާތީ އިއުތިރާފްގެ އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު މިއަދުގެ ޝަރީއަތުގައި ވިދާޅުވީ އަދުހަމް އޭރު ދައުވާއަށް އިންކާރު ކުރުމުން އިއުތިރާފް އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ކުރިން ކޯޓުން ނިންމާފައިވާތީ އެ އެއްބަސްވުމުގެ ދަށުން އަދުހަމަށް ލިބޭނެ ލުޔެއް މިހާރު ނެތް ކަމަށެވެ.

މި މައްސަލައިގަ ފުރަތަމަ އަދުހަމް ދައުވާއަށް އެއްބަސްވީ ދައުލަތުން އޭނާއާއި އެކު ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދޭން ޝަރުތުކޮށްފަ އެވެ. އޭރު ދައުވާއަށް އިންކާރު ނުކޮށް ހުކުމާއި ހިސާބަށް ދިޔަ ނަމަ އެއްބަސްވުމުގެ ދަށުން އަދުހަމަށް އަންނަނީ 17 އަހަރުގެ ޖަލު ހުކުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް