ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ ބެންގަލޫރާއި ދެމެދު ކުރާ ދަތުރުތައް އަންނަ މަހުން ފެށިގެން އިތުރު ކުރަން އިންޑިގޯ އެއާލައިނުން ނިންމައިފި އެވެ.
އެ އެއާލައިނުން ނިންމާފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ރާއްޖެ-ބެންގަލޫރު އާއި ދެމެދު ދަތުރެއް ކުރުމަށެވެ. މިހާރު ބެންގަލޫރާއި ރާއްޖެ އާއި ދެމެދު ބާއްވަމުން އަންނަނީ ހަފްތާ އަކު ތިން ދަތުރެވެ.
އިންޑިގޯ އަކީ އިންޑިއާގެ ބަޖެޓު އެއާލައިނެކެވެ.
ކޯވިޑަށް ފަހު ބޯޑަރު އަލުން ހުޅުވާލުމުން ދެގައުމުގެ ދެމެދުގައި ވީ ޓްރެވަލް ބަބުލް އެއްބަސްވުމުގެ ދަށުން އިންޑިއޯއިން އަންނަނީ ރާއްޖެ އާއި އިންޑިއާގެ ހަތަރު ސިޓީ އަކާއި ދެމެދު ސީދާ ދަތުރުތައް ބާއްވަމުންނެވެ. އެއީ ބެންގަލޫރުގެ އިތުރުން މުމްބާއީ ދިއްލީ އަދި ކޮޗިން އެވެ.
އެ އެއާލައިނުން މުމްބާއީއަށް ކޮންމެ ދުވަހަކު ދަތުރެއް ކުރާއިރު ދިއްލީ އާއި ކޮޗިން އަށް ކުރަނީ ހަފްތާއަކު ހަތަރު ދަތުރެވެ.
ބެންގަލޫރަކީ ގިނަ އަދަދެއްގެ ދިވެހިން މަތީތައުލީމު ހާސިލް ކުރުމުގެ އިތުރުން ދިރިއުޅޭ ސިޓީ އެކެވެ.
އިންޑިގޯ އިން ވަނީ އެ އެއާލައިނުން ބޭސް ފަރުވާއަށް ދަތުރުކުރާ މީހުންނަށް ހާއްސަ މެޑިކަލް ފެއާއެއް ވެސް ކަނޑައަޅައިފަ އެވެ. އާސަންދައިގެ ދަށުން ރާއްޖެއިން ބޭސް ފަރުވާއަށް ދާ މީހުންނަށް ވެސް މި ފެއާ ލިބޭނެ އެވެ.
ރާއްޖެ އާއި އިންޑިއާ އާއި ދެމެދު މިދިޔަ އަހަރުގެ އޮގަސްޓު މަހު ގާއިމް ކުރި ޓްރެވަލް ބަބުލްގެ ދަށުން އިންޑިއާގެ ހަތަރު އެއާލައިނަކުން ރާއްޖެ އަށް ދަތުރު ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް