ކައިވެނި ކްލަސްޓާ އާއި ގުޅޭ މީހަކު މަރެއް ނުވޭ، ޑޭޝްބޯޑަށް ބަދަލު ގެނެސްފި

ކޯވިޑް-19 ޖެހިގެން މި މަހުގެ މަރުވި މީހުންގެ ތެރެއިން އެކަކަކީ ޝީ ބިލްޑްގައި މިދިޔަ މަހު އޮތް ކައިވެނި ހަފްލާ ކްލަސްޓާއިން ކޯވިޑަށް ޕޮސިޓިވްވެގެން ފަރުވާ ދެމުން ދިޔަ މީހެއް ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑުގ...

25 Jan 2021 | 07:27

ކޯވިޑް-19 ޖެހިގެން މި މަހުގެ މަރުވި މީހުންގެ ތެރެއިން އެކަކަކީ ޝީ ބިލްޑްގައި މިދިޔަ މަހު އޮތް ކައިވެނި ހަފްލާ ކްލަސްޓާއިން ކޯވިޑަށް ޕޮސިޓިވްވެގެން ފަރުވާ ދެމުން ދިޔަ މީހެއް ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑުގައި ޖަހާފައި އޮތް އޮތުން އިސްލާހު ކޮށްފި އެވެ.

އިއްޔެ އާއި ހަމައަށް އެޗްޕީއޭގެ ކޯވިޑް-19 ގެ ޑޭޝްބޯޑުގައި ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި މިމަހުގެ ހަތް ވަނަ ދުވަހު ކޯވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހާ އަކީ ކައިވެނި ކްލަސްޓާ އާއި ގުޅުންހުރި މީހެކެވެ. އެ ދުވަހު މަރުވެފައިވަނީ 60 އަހަރުގެ ދިވެހި ފިިރިހެނެކެވެ.

އެކަމަކު މިއަދު ޑޭޝްބޯޑު ދައްކާގޮތުން އެމީހާ އަކީ އެ ކްލަސްޓާ އަދި އިތުރު އެއްވެސް ކްލަސްޓާ އަކާއި ގުޅުން ހުރި މީހެއް ނޫނެވެ. އަދި ކައިވެނި ކްލަސްޓާ އާއި ގުޅުން ހުރި މީހަކު މަރުވެފައި ނުވާކަމަށް ޑޭޝް ބޯޑުގައި ބުނެފައިވެ އެވެ.

ޑޭޝް ބޯޑުގައި އިއްޔެ ބުނެފައިވާ ގޮތުން އެ ކައިވެނި ކްލަސްޓާއިން މިހާތަނަށް 103 މީހުން ޕޮސިޓިވްވެފައިވެ އެވެ. އެކަމަކު މިއަދު ވަނީ އެ އަދަދު 102 އަށް ބަދަލު ކޮށްފައި އެވެ.

އެ ކްލަސްޓާ އާއި ގުޅޭ މީހަކު އެންމެ ފުރަތަމަ ޕޮސިޓިވްވެފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އަދި މިމަހުގެ 20 ވަނަ ދުވަހުވެސް އެ ކްލަސްޓާ އާއި ގުޅޭ މީހަކު ޕޮސިޓިވްވެފައިވެ އެވެ.

އެޗްޕީއޭއިން ބުނީ އެ ކްލަސްޓާ އާއި ގުޅިގެން ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެ ހަފްލާގައި ބައިވެރިވި މީހުން އެކަނި ނޫން ކަމަށެވެ. އޭގެ ތެރޭގައި ހަފްލާގައި ބައިވެރިވި މީހުންނާއި އެމީހުންގެ ކޮންޓެކްޓުން ހިމެނެ އެވެ.

މި ކްލަސްޓާގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު ކޯވިޑަށް ފަރުވާ ހޯދަމުން އަންނަނީ 13 މީހެކެވެ. އެ އެންމެންގެ ހާލު ރަނގަޅެވެ.

އެޗްޕީއޭއިން ބުނީ އެ ކައިވެނި ހަފްލާގައި 120 މީހުން ބައިވެރިވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް