ދައުލަތުން ބަލާ އިތުރު ކުދިންތަކެއް އަތޮޅު ތެރެއަށް ބަދަލުކޮށްފި، މިފަހަރު ފުވައްމުލަކަށް

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ބަލަހައްޓާ ކުދިންގެ ތެރެއިން އިތުރ ކުދިން ތަކެއް އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ އަމާން ވެށި އަށް ބަދަލު ކޮށްފި އެވެ. މިފަހަރު މާލެ އާއ...

25 Jan 2021 | 06:03

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ބަލަހައްޓާ ކުދިންގެ ތެރެއިން އިތުރ ކުދިން ތަކެއް އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ އަމާން ވެށި އަށް ބަދަލު ކޮށްފި އެވެ.

މިފަހަރު މާލެ އާއި ހުޅުމާލޭގައި މިހާތަނަށް ބަލަހައްޓަމުން އައި ކުދިންގެ ތެރެއިން 11 ކުއްޖަކު ބަދަލު ކޮށްފައި އެެވެ. މި ކުދިން ބަދަލުކޮށްފައިވަނީ ފުވައްމުލަކު ސިޓީގައި ޖެންޑާ މިނިސްޓްރީން ގާއިމްކޮށްފައިވާ އަމާން ފެށި އަށެވެ.

މި ކުދިން ގޮވައިގެން އެ ރަށަށް ވަޑައިގެންނެވީ ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ އެވެ. ފުވައްމުލައް ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު (އެފްސީއެސްސީ)ގެ ބެލުމުގެ ދަށުގައިވާ ފަސް ކުދިންނާއި މާލެއިން ދިޔަ 11 ކުދިންނާއި އެކު ޖުމުލަ 16 ކުއްޖަކު މި މަރުކަޒުގައި ދިރިއުޅެމުންދާނެ ކަމަށް ޖެންޑާއިން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ އަމާން ވެށިތަކަށް ކުދިން ބަދަލު ކުރަމުންދަނީ އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުމެވެ.

އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެ ކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ޚާއްޞަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެއެވެ. އަދި މުޖުތަމަޢުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުޞަތު ލިބިގެން ދިޔުމުން، މުސްތަޤުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާޙައުލަށާއި ޢާންމު ދިރިއުޅުމަށް ނުކުތުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ ކުރިން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ބަލަހައްޓަމުން ދިޔަ ކުދިންގެ ތެރެއިން ބައެއް ކުދިން ވަނީ ށ. ފުނަދޫ އާއި ބ. އޭދަފުށީ އަމާން ވެއްޓަށް ބަދަލު ކޮށްފައި އެވެ. އެގޮތުން ފުނަދޫއަށް 16 ކުދިން އަދި އޭދަފުއްޓަށް 17 ކުއްޖަކު ބަދަލު ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް