މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތަކަށް ހާއްސަ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފި

ގައުމީ އެއާލައިން މޯލްޑިވިއަންއިން ޑޮމެސްޓިކް ދަތުރުތަކަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފި އެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދަން ނިންމާފައި އޮތީ މިދިޔަ ޑިސެމްބަރު މަ...

25 Jan 2021 | 05:41

ގައުމީ އެއާލައިން މޯލްޑިވިއަންއިން ޑޮމެސްޓިކް ދަތުރުތަކަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފި އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދަން ނިންމާފައި އޮތީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހު 31 ގެ ނިޔަލަށެވެ. މޯލްޑިވިއަންއިން ބުނީ މިހާރު މި ޕްރޮމޯޝަން ނިމޭ މުއްދަތު އަންނަ އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި ޕްރޮމޯޝަނަކީ އަތޮޅުތެރެއަށް ދަތުރު ކުރާ ފަރާތްތަކުގެ ތެރެއިން އޮންލައިންކޮށް ޓިކެޓު ގަންނަ ފަރާތްތަކަށް އެކަނި ބައިވެރިވެވޭ ޕްރޮމޯޝަން އެކެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި އޮންލައިންކޮށް ޓިކެޓު ނަގާ ފަރާތްތަކަށް ޓިކެޓުގެ އަގުން 10 ޕަސެންޓު ޑިސްކައުންޓު ލިބެ އެވެ.

މޯލްޑިވިއަންއިން ބުނީ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރަން ނިންމީ އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ބަލާފައި ކަމަށެވެ. އެގޮތުން ޑޮމެސްޓިކް ދަތުރުތަކުގެ 87 ޕަސެންޓު މީހުން ޓީކެޓު ނަގަނީ އޮންލައިންކޮށް މޯލްޑިވިއަންގެ ވެބްސައިޓު ނުވަތަ އެޕް މެދުވެރިކޮށް ކަމަށް ބުނެ އެވެ.

މޯލްޑިވިއަން އިން ބުނީ ޕްރޮމޯޝަންގެ މުއްދަތަށް ގެނައި ބަދަލާއި އެކު ޕްރޮމޯޝަންގެ ދަށުން ޓިކެޓު ނެގޭނެ އެންމެ ފަހުގެ ތާރީހަކީ މާޗް 31 ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން އޮންލައިންކޮށް ޓިކެޓު ނަގާ ފަރާތްތަކުން ދަތުރު އޮންނަ ތާރީހުގެ ހަތް ދުވަސް ކުރިން ޓިކެޓު ގަންނަން ޖެހެ އެވެ.

މޯލްޑިވިއަންއިން ރާއްޖޭގެ 15 އެއާޕޯޓަކަށް ޑޮމެސްޓިކް ދަތުރުތައް ކުރެ އެވެ. އެންމެ ފަހުން އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ފެށީ ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް