މޫކޭ އާއި އާރުޑީސީގެ ޒުވާން ޓީމު: ހަދާ މަގެއް ހަދަނީކީ ނަމަކަށް ނޫން

2019 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ ސައްތައިން ސައްތަ ކުންފުންޏެއް އުފެއްދ...

25 Jan 2021 | 05:25

2019 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ ސައްތައިން ސައްތަ ކުންފުންޏެއް އުފެއްދެވީ ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ކުރު ރާސްތާގައި އަދި ދިގު ރާސްތާގައި، އެއްގަމު ދަތުރުފަތުރު ކުރުމަށް އެއްރަށާއި އަނެއް ރަށް ގުޅާލައި، ދާލަންތައް ތަރައްޤީކޮށް އެންމެ އެކަށީގެންވާ ފެންވަރެއްގައި މިފަދަ ތަންތަން ބެލެހެއްޓުމަކީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށް މުހިއްމު ކަމެއްކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ މިފަދަ އެންމެހައި މަސައްކަތްތައް ކުރުމަށް، އެކަމުގެ ޤާބިލުކަން ތަރައްޤީކުރެވޭފަދަ ކުންފުންޏެއް އުފެއްދެވެމުގެ ގޮތުންނެވެ.

ކުންފުނި އުފެދުނުތާ އެއް އަހަރު ފުރިފައިވާއިރު ކުންފުނީގެ ކުރު ތާރީހުގެ ބޮޑުބައެއް ކޮވިޑުގެ ނުރައްކާތެރި ހާލަތުގެ ތެރޭގައެވެ. ނަމަވެސް އެ ހާލަތުގައިވެސް އާރުޑީސީގެ ޒުވާން މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކް (މޫކޭ)އާއި މޫކޭގެ ޒުވާން ޓީމު އަތް އުރާލައިގެން ނުތިބެ ނިކުމެ ކުރި މަސައްކަތް އެއޮތީ ފެންނާށެވެ. މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ހަދާފައިވާ ކަނބާ އައިސަރަނި ހިނގުމަކީ މާލޭގައި މިހާތަނަށް، އެންމެ ރަނގަޅު ފެންވަރެއްގައި ހަދާފައިވާ މަގެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ "ދުވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ދުވަހުން ކުރި އެއް ސުވާލު އަމާޒުކުރީ އާރުޑީސީއާއެކު ދިވެހިންނަށް ފެންނާނީ ކޮން ބަދަލެއްތޯ؟ މި ސުވާލެވެ. " ފަސޭހަވުން: ރައްޔިތުންނަށް އޮތް ދައްޗެއް ފިލުން" ކުރު، އަދި ފޮނި ޖަވާބަކުން އެމްޑީގެ ތަފްސީލީ ވާހަކަ ފެއްޓެވިއެވެ.

މޫކޭ ވިދާޅުވީ ކުރިން ނަމަ، ހާއްސަގޮތެއްގައި ރާއްޖޭގެ ރަށްރަށުގައި ދިރިއުޅުން، ރަށުތެރޭގެ ހިނގާބިނގާވެ އުޅުން ބައްޓަންވެފައި ހުރީކީ ވެހިކަލްތަކުގެ މައްޗަށް ނޫން ކަމަށެވެ. އެންމެ ބޮޑުވަރަކަށްވެސް ގެންގުޅެމުންދިޔައީ ބައިސްކަލު ކަމަށެވެ. ނަމަވެސް މިހާރު ރަށް ރަށުގައި ހެވީ ވެހިކަލް ދުއްވާ، ރަށގެ ވެލިގަނޑު ކޮމްޕެކްޓްވެ، ވާރޭކޮޅެއް ވެހިލައިފިއްޔާ ފެން ނުހިނދޭ ކަމީ މިއަދު ފެންނަ ހަގީގަތްކަމުގައި މޫކޭ ފާހަގަކުރެއްވިއެވެ.

"ވާރޭކޮޅެއް ވެހިލައިފިއްޔާމުން ފެނެއް ނުހިނދޭ، ގޭގެވެސް ފަރުމާ ކޮށްފަ ހުންނަނީކީ ފެން ނުވަންނަ ގޮތަކަށެއް ނޫން. އުސްކޮންނެއް ނޫން. ބިންގަނޑު އެއް ލެވަލްއެއްގައި ހުންނަނީ. އެހެންކަމަށް ވުމާއެކީގަ ގޭގޭގެ ދޮރުމަތިން ވަރަށް ގިނައިން ފެންނަ މަންޒަރެއް އެއީ ވެލިބަސްތާ ޖައްސައިގެން ފެން ވަނަ ނުދިނުން. ދެން އެހެން އުޅެގެން ވެސް އެކަމުން ސަލާމަތެއް ނުވޭ. ގިނަ ފަހަރަށް މުދަލަށް ގެއްލުންވޭ. ދެން ހަމަ ބޮޑު ތުރާލަކަށް ވެފަ އޮންނަ ކަމެއް އެއީ. ހާއްސަކޮށް މި ދެންނެވި ބޮޑެތި ރަށްރަށުގައި." މޫކޭ ވިދާޅުވިއެވެ.

މިއާއެކު މޫކޭ ވިދާޅުވީ ކުރިންވެސް މަގުތައް ހެދިފައި އެބަހުރި ކަމަށާއި ނަމަވެސް އާރްޑީސީ އަދި ޕްލޭނިން މިނިސްޓްރީގެ ވެސް ވިސްނުން ހުރީ މަގުތައް ހަދާއިރު ވަކި ސްޓޭންޑަޑަކަށް މަގުތައް ތަރައްގީ ކުރުމުގެ ވިސްނުން ކަމުގައި ވިދާޅުވިއެވެ. ބޭންކުރާ ކޮންމެ މެޓީރިއަލަކީވެސް ޕްލޭނިން މިނިސްޓްރީގެ ހުއްދަ ލިބި، އެންމެ ކޮލިޓީ މެޓީރިއަލްކަން މޫކޭ ފާހަގަކުރެއްވިއެވެ.

އަދި އާރްޑީސީން ހަދާފައި ދޫކޮށްލާ ކޮންމެ މަގެއް ހުންނާނީ ދައުލަތުން ކުރާ ހަރަދާ ބައްދަލު، އެއް މިންވަރަކަށް ކަމުގައިވެސް މޫކޭ ފާހަގަކުރެއްވިއެވެ. މި މައުލޫގައި މޫކޭ އިތުރަށް ވިދާޅުވީ އާރްޑީސީން ތަރައްގީކުރާ މަގުތަކާއެކު ރައްޔިތުންނަށް އިތުރަށް ތުރާލަކަށްނުވެ ސަލާމަތްވެގެންދާނެ ކަމަށެވެ. އާރްޑީސީގެ އަނެއް ތަފާތަކީ ޒުވާނުންނަށާއި ދިވެހިންނަށް ހާއްސަ އިސްކަމެއް ދޭކަމެވެ.

އެގޮތުން މިހާރުވެސް އާރްޑީސީގެ މެނޭޖްމަންޓުން ފެށިގެން މަސައްކަތުމީހާއާއި ހަމަށްވެސް ގިނައީ ޒުވާނުންނެވެ. އަދި ކުންފުނީގެ އަމާޒު ހުރީ ސީދާ 100 އިންސައްތަ ދިވެހިން މަސައްކަތްކުރާ ކުންފުންޏަކަށް ހެދުމަށެވެ.

" މި އަހަރު ހަމަ އަޅުގަނޑުމެންނަށް ފެނިގެން ދާނެ ދިވެހިން ނުކުމެ ދިވެހި ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތުގަ އުޅޭތަން. މި ކުންފުނީގެ އަމާޒަކީ 100 ޕަސެންޓު ދިވެހިންނަށް ހެދުން އަދި މިހާރުވެސް ރަށްރަށުގަވެސް ހަރަކާތްތެރި ވަމުން އެ ދަނީ އެ ރަށެއްގެ މުވައްޒަފުން." އެމްޑީ މޫކޭ ފާހަގަކުރެއްވިއެވެ.

މޫކޭގެ ޓީމާ ބެހޭގޮތުން އޭނާ ވިދާޅުވީ އާރްޑީސީގައި މިހާރު އޮތް ޓީމަކީ ވަރަށް ޒުވާން، ވަރަށް ވިސްނުންތެރި، ވަރަށް ގާބިލު އިލްމީ ޓީމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް