ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ ބައިލޭޓަރަލް ކޮންސަލްޓޭޝަންސްގެ ހަތް ވަނަ ބުރު މާދަމާ ބާއްވަން ނިންމައިފި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ލޫ ޝައުހުއީ އެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޯވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި އަދި ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންނެވެ. މީގެ އިތުރުން ކޯވިޑް-19އިން އަރައިގަނެ، އިޤްތިޞާދު ކޮޅަށް ޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ދެޤައުމުގެ މެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ވީހާވެސް އަވަހަކަށް އިއާދަކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ.
ކޯވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރެވޭ މިދަނޑިވަޅުގައި ޗައިނާ ފަދަ ތަރައްޤީގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރުން އޮތީ ތައްޔާރަށެވެ. އެގޮތުން 2021 ވަނަ އަހަރު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް، ކުރިއަށް ހުރި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ދިވެހި ސަރުކާރުން މަޝްވަރާކުރާނެއެވެ.
މި ގޮތަށް ބާއްވަމުން އަންނަ ބައިލޭޓަރަލް ކޮންސަލްޓޭޝަން ވެފައިވަނީ ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަރަށް މުހިއްމު މަގަކަށެވެ. ދިވެހިރާއްޖެއާއި ޗައިނާ އާ ދެމެދު ބައިލޭޓަރަލް ކޮންސަލްޓޭޝަންސް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މި ބައްދަލުވުން ކުރިއަށްގެންދާނީ ވާޗުއަލްކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް