މަޖީދިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލްގައި ކޯވިޑް-19ގެ އިތުރު ޕޮސިޓިވް ކޭސްތަކެއް އުޅޭ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ޖަމާލުއްދީން ސްކޫލުން މީގެ ކުރިން ޕޮސިޓިވްވެފައިވަނީ ގްރޭޑް ނުވައެއްގެ ދަރިވަރެކެވެ. އެ ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި ސްކޫލުން ދެނެގަނެފައިވަނީ ހަތަރު ދަރިވަރަކެވެ.
އޭގެ ފަހުން އިތުރު ބަޔަކު އެ ސްކޫލުން ޕޮސިޓިވްވި ކަމެއް ނޭނގެ އެވެ. އެކަމަކު މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޖަމާލުއްދީންގެ އިތުރުން މަޖީދިއްޔާ ސްކޫލްގައިވެސް ޕޮސިޓިވް ކޭސްތަކެއް އުޅޭ ކަމަށެވެ. އެކަމަކު މި ކޭސްތަކާއި ގުޅޭ އިތުރު ތަފްސީލް ނުދެއްވަ އެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ދެ ސްކޫލުން ވަނީ ޓީޗަރުންތަކަކަށް ކޯވިޑް ޖެހުމުން އެކަން ސިއްރު ކޮށްފައި އެވެ. އަދި ބަލީގެ އަލާމާތްތަކާއި އެކު ޓީޗަރުން ސްކޫލަށް ހާޒިރުވެފައިވެ އެވެ.
މިކަމާއި ގުޅިގެން ޑރ. ނަޒްލާ ވިދާޅުވީ އެ ވާހަކަތައް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ކޯވިޑަށް ރާއްޖޭގެ އެއްވެސް ލެބޯޓްރީއަކުން މީހަކު ޓެސްޓުކޮށް ނަތީޖާ ޕޮސިޓިވްވެއްޖެ ނަމަ އެ މައުލޫމާތެއް އެޗްޕީއޭއަށް ބަރާބަރަށް ލިބެމުންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް