މިދިޔަ އަހަރު މާލޭގައި ހިންގި މާރާމާރީއެއްގައި ކުޑަކުއްޖަކު މަރުވި މައްސަލައާއި ގުޅިގެން، އެ މާރާމާރީގައި ބައިވެރިވީ މީހެއްގެ ކުށް ސާބިތުވެ އެމީހާ 27 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
މިމާރާމާރީގައި މަރުވެފައިވަނީ ކ.ކާށިދޫ ރަންފަރު، އުމުރުން 14 އަހަރުގެ އަޙުމަދު އިރުޝާން ހިލްމީ އެވެ. މާރާމާރީ ހިންގާފައިވަނީ 3 ޖޫން 2016 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އިރުޝާންގެ މަރާއި ގުޅިގެން އެ މައްސަލާގައި، އެކަމުގައި ބައިވެރިވި ކަމުގެ ކުށުގައި އިއްޔެ ހުކުމް ކޮށްފައވަނީ މ. ޖެރޭނިއަމް މުޙައްމަދު ޖިނާދުގެ މައްޗަށެވެ.
އޭނާ ބައިވެރިވެގެން ހިންގި ގްރޫޕު މާރާމާރީގައި އިރުޝާން މަރުވެފައި ވަނީ ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް އައިޖީއެމްއެޗުގަ އެވެ.
ޖިނާދުގެ އިތުރުން، މިމައްސަލާގައި ދައުލަތުން ވަނީ ތިން ކުޑަކުއްޖެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. އެކުދިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާއެވެ.
މ.މަދަންގެއާ ދިމާލަށްވާ ގޮތަށް ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ހިންގި މިމާރާމާރީ ގައި ބައިވެރިވި ކަމަށް ޖިނާދު އިއްތިފާގުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް