އަމީތާބު އާއި ޖަޔާ ދިރިއުޅެނީ ވަކިން، ދެމީހުން ދެގޭގައި- އަމަރު ސިންގް

ބޮލީވުޑް ގެ އެންމެ މަޝްހޫރު އަދި އެކުގައި އުޅޭތާ އެންމެ ގިނަ ދުވަސްވީ އެއް ޖީޑު ކަމަށްވާ އަމީތާބު ބަޗަން އާއި ޖަޔާ ބަޗަން، ދިރިއުޅެމުން އަންނަނީ ވަކިން ދެމީހުން ދެގޭގައި ކަމަށް އެދެމަފިރިންގެ ކުރީގެ ގ...

25 Jan 2017 | 04:44

ބޮލީވުޑް ގެ އެންމެ މަޝްހޫރު އަދި އެކުގައި އުޅޭތާ އެންމެ ގިނަ ދުވަސްވީ އެއް ޖީޑު ކަމަށްވާ އަމީތާބު ބަޗަން އާއި ޖަޔާ ބަޗަން، ދިރިއުޅެމުން އަންނަނީ ވަކިން ދެމީހުން ދެގޭގައި ކަމަށް އެދެމަފިރިންގެ ކުރީގެ ގާތް އެކުވެރިއެއް ކަމަށްވާ އަމަރު ސިންގު ބުނެފިއެވެ.

އަމަރު ސިންގަކީ ސަމަޖްވާޅީ ޕާޓީގެ ޕޮލިޓިޝަނެއްގެ އިތުރުން އަމީތާބު އާއި ޖަޔާގެ ކުރީގެ ވަރަށް ގާތް ރަޙުމަތްތެރި އެކެވެ. ނަމަވެސް ފަހަކަށް އައިސް ޖެހުނު މައްސަލައަކަށްފަހު އެތިން މީހުންގެ ގުޅުމަށްވަނީ ހީނަރު ކަމެއް އައިސްފައި ކަމަށް އިންޑިއާގެ ރިޕޯޓު ތަކުން ބުނެއެވެ.

އަމީތާބު ބަޗަން އާއި ޖަޔާ ބަޗަން ގެ ގުޅުމުގެ ވާހަކަ އަކީ، އެދެމަފިރިން ކައިވެނި ކުރި ދުވަހުން ފެށިގެން މިއަދާއި ޖެހެން ދެން ވެސް ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ ގުޅުމެކެވެ. ދެމަފިރިން އެކުގައި ގިނަ ދުވަސްތަކެއް ހޭދަ ކޮށްފައިވީ ނަމަވެސް އެދެމަފިރިން އުޅެމުން އަންްނަނީ ހަމަ ޖެހޭ އުފާވެރި ދިރިއުޅުމެއްގައި ނޫން ކަމަށް ވަނީ ވަރަށް ގިނަ އަޑު އަރާފައެވެ.

އެގޮތުން އެރި އެންމެ ބޮޑު އެއް އަޑަކީ އަމީތާބު ބަޗަން އާއި ރޭކާގެ ލޯބީގެ ގުޅުމުގެ ވާހަކަ އެވެ.

ރޭކާ އާއި އަމީތާބު 70 ގެ އަހަރުތަކުގެ ތެރޭގައި ލޯބީގެ ގޮތުން ގުޅުން ކަމަށް ބުނެ ވަނީ އަޑުތަކެއް ކުރިން އަރާފައެވެ. އަދި އެ ގުޅުމުގެ ސަބަބުން ޖަޔާ އާއި އަމީތާބު ވަރިނުވެ ތިބީ ދަރިންނަށްޓަކައި ކަމަށްވެސް ރިޕޯޓު ތަކުން ބުނެއެވެ.

ފަހަކަށް އައިސް ދެން އެންމެ ބޮޑަށް އަޑު އިވިފައިވަނީ އެދެމަފިރިންގެ ދަނބިދަރިފުޅު އައިޝްވާރިޔާ ރާއީ ބަޗަން، ކުރާ "ލަދުވެތި" ކަންތަކުގައި އަމީތާބު ހިތްވަރު ދޭތީ އެކަމާއި ޖަޔާ ބަޗަން އަމީތާބާއި ހިތްހަމަ ނުޖެހޭ ކަމާއި ހަމަ އެފަދައިން، އައިޝްވާރިޔާ އާއި މެދު ޖަޔާ ބަޗަން މާ ހަރުކަށި އުސޫލުތަކެއް ގެންގުޅޭތީ އެކަމާ އަމީތާބު ވެސް ޖަޔާ ދެކެ ހިތްހަމަ ނުޖެހޭ ވާހަކައެވެ.

ޖަޔާ އާއި އަމީތާބު ވަކިން ދިރިއުޅޭ ސަބަބެއް އަމަރު ސިންގް ބުނެފައެއް ނުވެއެވެ. ނަމަވެސް އިންޓަރވިއު އެއްގައި އޭނާ ބުނެފައިވަނީ

"ޤައުމުގައި ހިނގާ ކޮންމެ ކަމަކަށް ވެސް އެންމެންވެސް އަހަރެން ކުށްވެރި ކުރަނީ. އަމްބާނީސް ގެ ގޮށް މުހުމުންވެސް މީހުން ބުނީ އަހަންނޭ އެމީހުންގެ މެދުގައި މައްސަލަތަށް އުފެއްދީ. އެއީ އަހަންނާއި ހެދި ވީ ކަމެއް ނޫން. ހަމައެފަދައިން ޖަޔާ ބަޗަން އާއި އަމީތާބު ގެ ގުޅުން ހީނަރުވީ ސަބަބުވެސް މީހުން ޖަހާފައިވަނީ އަހަރެންގެ ބޮލަށް. ނަމަވެސް އަހަންނާއި އެދެމަފިރިން ބައްދަލުވުމުގެ ކުރިންވެސް އެދެމަފިރިން ދިރިއުޅެނީ ވަކިން، ދެމީހުން ދެ ގޭގައި. އެކަކު 'ޕްރަތިކްޝާ' ގައި ދިރިއުޅޭއިރު އަނެކަކު ދިރިއުޅެނީ އަމީތާބުގެ އަނެއް ބަންގަލޯ 'ޖަނަކް' ގައި"

މީގެ އިތުރުން އަމަރު ބުނެފައިވަނީ، އެމީހުންގެ ސިޔާސީ ޕާޓީއަށް ވެސް ޖަޔާ ނުވެއްދުމަށް އެއް ފަހަރު އަމީތާބު އޭނާ ގާތު އެދިފައިވާ ކަމަށެވެ. ސަބަބަކަށް އަމީތާބު ބުނެފައިވަނީ، ޖަޔާ ބަޗަންގެ ހުރި ނޭދެވޭ ރުޅިގަނޑާއި ކިބުރުވެރި އުޅުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް