ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުމުގައި، ސަޢޫދީ ޢަރަބިއްޔާގެ ޢަބްދުﷲ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާއާއި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ތައުޒިޔާ ވިދާޅުވިއެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ ރަސްކަމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން، ސަލްމާން ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަރުޙަބާ ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރައްވުމުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ޒިޔާރަތްޕުޅުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނުގެ ހެޔޮ އެދުން ފޮނުއްވި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ އަމީނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި، ދިވެހި ދައުލަތުގެ ސަފީރު ޢަބްދުﷲ ޙަމީދު ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް