ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނިހާދު ސިފަކުރެއްވިފަދަ އަމަލެއް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން އަދި މަދަނީ ޖަމްއިއްޔާއަކުން ނުހިންގާނެ ކަމަށް ޕީއެންސީން ބުނެފިއެވެ.
ރޭ މިނިސްޓަރ ނިހާދު ދެއްކެވި ވާހަކައާއި ގުޅިގެން މިއަދު ޕީއެންސީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އިދިކޮޅު އެމްޑީޕީން މާލެ އަތޮޅުގެ ރިސޯޓްތަކަށް އަރައި، އެ ރިސޯޓްތަކުގައި އެއްވުމެއް ބާއްވަން ރާވާފައިވާކަމަށާއި، މަސައްކަތްތެރީންގެ ހައްގުގައި މަސައްކަތްކުރާ ޔޫނިއަންތައް މެދުވެރިކޮށް ހިންގުމަށް ރާވަމުންދާ އަމަލަކީ ޓޫރިޒަމަށް އަމާޒުކޮށްގެން ދޭން އުޅޭ ޓެރަރިސްޓު ހަމަލާއެއް ގޮތަށް ނިހާދު ސިފަކުރެއްވި ނަމަވެސް ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އަދި ޖުމްލަކޮށް ދިވެހި އިގްތިސޯދަށް ފޫނުބެދޭވަރުގެ ނުރައްކާތެރި އަމަލެއް ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން އަދި މަދަނީ ޖަމްއިއްޔާއަކުން ނުހިންގާނެ ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތައް ހަރަކާތްތެރިވާނީ ޤާނޫނު ހުއްދަކުރާ އިމުގެތެރޭގައި ކަމަށެވެ. އަދި އެއިމުން ބޭރުވާނަމަ އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަޅާނެކަމާމެދު ޝައްކުނުކުރާ ކަމަށެވެ.
ދިވެހިރާއްޖެއަކީ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާޔަތުގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓުމަންޓުތައް ރައްކާތެރިކޮށްދިނުމުގައި ދިވެހި ދައުލަތުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޕީއެންސީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް