ވާހަކަ: ޑައިރީ – ހަތްދިހަ ހަވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ދޮރުގައި މީހަކު ޓަކިޖަހާލި އަޑަށް އައިލީން ބޭރުދޮރާ ދިމާއަށް ބަލާލުމަށްފަހު ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ. ސޯފާގައިއިން ނާޒިމާވެސް ދޮރާދިމާއަށް ބަލާލިއެވެ. އެވަގުތު ނާޒިމާ ޙ...

24 Dec 2024 | 05:38

ކުރީގެ އަދަދާއި ގުޅޭ...

ދޮރުގައި މީހަކު ޓަކިޖަހާލި އަޑަށް އައިލީން ބޭރުދޮރާ ދިމާއަށް ބަލާލުމަށްފަހު ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ. ސޯފާގައިއިން ނާޒިމާވެސް ދޮރާދިމާއަށް ބަލާލިއެވެ. އެވަގުތު ނާޒިމާ ޙައިރާން ވެގެންގޮސް ކުއްލިއަކަށް ސޯފާއިން ތެދުވެވުނެވެ. އޭރުވެސް ނާޒިމާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ކުޑައިރުކޮޅަކު ހުއްޓިގެން ހުރުމަށްފަހު ނާޒިމާ ބުދެއްހެން ހުރެ މަޑުމަޑުން ދޮރާ ދިމާއަށް ހިނގައިގަތެވެ.

"އައްސަލާމް ޢަލައިކުން...!" އައިލީން ދޮރުހުޅުވާލުމާއެކު ދޮރުމަތީގައިހުރި މީހާއި އޯގާތެރިކަމާއެކު އާދައިގެ ރާގަކަށް ސަލާން ގޮވާލިއެވެ.

"ވަޢަލައިކުމުއް ސަލާމް...!" ނާޒިމާގެ ވާހަކަތަކުން އައިލީން ކިތަންމެ ހިތްހަމަ ނުޖެހިފައިހުރިކަމުގައިވިޔަސް އައިލީން ސަލާން ބަލައިގަތީ ހިނުތުން ވުމާއެކީގައެވެ.

"ނާޒިމާ ކިޔާކުއްޖެއް މިގޭގަ އުޅޭތަ...؟ އުޅެންޏާ ގޮވާލަދީބަލަ..!" ގޭތެރެއަށް ބަލާލަމުން އެ މީހާ އައިލީންއާ ސުވާލު ކުރިއެވެ.

އޭރު ނާޒިމާ އައިސް ދޮރާ އަރާ ހަމަވަނީއެވެ. ނާޒިމާހުރީ އޭރުވެސް ފެންކަޅިވެފައެވެ. މިފަހަރު ނާޒިމާ ފެންކަޅިވެފައިހުރީ އުފަލުން ކަމެއް ނުވަތަ ލިބުނު ހިތާމައެއްގެ ބޮޑުކަމުން ކަމެއް ނޭނގެއެވެ.

"ދަރިފުޅާ...! މަންމަގެ ދަރިފުޅާ...!" ދޮރާ ދިމާއަށް އައި ނާޒިމާ ފެނުމާއެކު ބޭރުން އައިމީހާގެ ލޮލުންވެސް ކަރުނަ ހިލިގެންދިޔައެވެ.

"މަންމާ...! ކޮންއިރަކު މާލެ ތި އައީ..! އަންގާވެސް ނުލާ ކީއްވެ ތިޔައީ...؟ ކިހިނެތް މިގެއަށް އަންނަން ތި އެނގުނީ...؟ ބޭބެއާއި ކޮއްކޮމެން ކޮބާ..؟ އެމީހުންވެސް މާލެ އައިތަ...؟" ނާޒިމާ އުފަލުންގޮސް އެއްފަހަރާ އެތައް ސުވާލެއް ކުރިއެވެ.

"ގޭތެރެއަށް ވަދޭ...!" ދޮރުމަތީގައި އެވަގުތު ހުރީ ނާޒިމާގެ މަންމަކަން އައިލީންއަށް އެނގުމާއެކުވެސް އައިލީން މޫނުމަތިން އެއްވެސް ކަހަލަ ރުޅިވެރިކަމުގެ އަސަރެއް ނުދައްކާ ހިތުންވުމާއެކު އައިލީން ބުންޏެވެ.

ނާޒިމާގެ މަންމަ ގޭތެރެއަށް ވަދެ ނާޒިމާގެ އަތުގައި ހިފާލުމަށްފަހު ނާޒިމާ ގައިގައި ބައްދާލިއެވެ. އެވަގުތު ނާޒިމާ ހިފަހައްޓައިގެންހުރި ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ.

"މަންމަ މާލެ އައިސް ދަރިފުޅު ގާތަށް އައިމަ ކޮންކަމަކާ ދަރިފުޅު ތި ރޮނީ...! އުފަލެއްނު ވާންވީ...! ދަރިފުޅަށް ކިހިނެތްވެފަ ތިހުރީ...! މަންމަ މިފަހަރު މާލެ މިއައީ ހަމަ ދަރިފުޅާ ބައްދަލު ކުރާށޭ..! ކޮއްކޮމެން އެކޮޅުގައި ބައިތިއްބާފަ މިއައީ...! ސްކޫލް ދުވަސްވަރުވީމަ ކޮއްކޮމެންނެއް ނުގެވޭނެ އެއްނު...! އަނެއްކާ ދަރިފުޅު މާބޮޑަށް ބަލިވެތަ ތިއުޅެނީ...؟ މޫނުމަތިން ހީވަނީ ބަލިވެ އުޅޭތާ އެތައް ދުވަހެއްވީ ކުއްޖެއްހެން..!" ނާޒިމާ ގަޔާ ދުރުކޮށްލަމުން ނާޒިމާގެ މަންމަ ސުވާލުކޮށްލިއެވެ.

ނާޒިމާ، އޭނާގެ މަންމަގެ ސުވާލަކަށް އެއްވެސް ޖަވާބެއް ނުދެއެވެ. އައިލީން ގާތުގައި ހުރުމާއެކު މަންމަގެ ސުވާލުތަކަށް އެވަގުތު އެއްވެސް ޖަވާބެއްދޭނެ ހިތްވަރެއް ނާޒިމާގެ ނެތެވެ. މަންމަގެ އަތުގައި ހިފައިގެން މަޑުމަޑުން އެތެރެއަށް ވަދެެގެން ދިޔައީއެވެ.

"މިތާ ސޯފާގައި އިށީނދޭ..! އަހަރެން އެބައަންނަން ޖޫސްތައްޓެއް ހިފައިގެން...!" ސޯފާ އާ ދިމާއަށް އިޝާރާތް ކުރަމުން އައިލީން ބުންޏެވެ.

އައިލީން ދިޔައީ ޖޫސްތައްޓެއް ތައްޔާރު ކުރުމަށެވެ. އައިލީން ދިޔުމުން ނާޒިމާ ގޮސް އޭނާގެ މަންމަގެ ގައިގައި ބައްދާގަތުމަށްފަހު ރޯން ފެށިއެވެ.

"ކިހިނެތް ވެގެންތަ ދަރިފުޅު ތިއުޅެނީ...؟ ވެގެން އުޅޭގޮތެއް މަންމަ ގާތުގަ ބުނީމައެއްނު އެނގޭނީ...! މަންމައަށް އެނގޭ ކަންތައްތަކެއް ގޯސްވެއްޖެކަން..! މަންމަ ހާދަވަރަކަށް ދަރިފުޅަށް ގުޅާފައޭ މިއައީވެސް...! ދަރިފުޅު ފޯނު ނުނެގީމަ މަންމައަށް އެނގިއްޖެ ކަމެއް ގޯސްވެއްޖެކަން...! ނުރޮއި، ހުއްޓާލާފަ ތި ވެގެން އުޅޭގޮތެއް މަންމައަށް ކިޔައިދީބަލަ..! މަންމައަށް އަނެއްކާ މިހީވަނީ ރަނގަޅު އެއްޗެއްބާ..! މަންމަ ބޭނުމެއްނޫން މަންމައަށް މިހީވާ ހީވުމަކީ ރަނގަޅު ހީއަކަށްވާކަށް...!" ނާޒިމާ ގަޔާ ދުރުކޮށްލަމުން ނާޒިމާގެ މަންމަ ވާހަކަ ދެއްކިއެވެ.

"މަންމަ ފުރަތަމަ ބުނެބަލަ..! މަންމައަށް ކިހިނެތްތަ މި ގެ ހޯދަން ތި އެނގުނީ...!" ނާޒިމާ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން ބުންޏެވެ.

"މަންމަގެ ވާހަކަ އޮޅުވާލަން މަސައްކަތް ނުކޮށްބަލަ...! ދަރިފުޅު ހުންނަ ތަނެއް ނުބުންޏަސް މަންމަ ހޯދައިގެންވެސް މި އައީނު..! ދެން ބުނެބަލަ މިހާރު ކިހިނެތް ވެގެން ތިއުޅެނީ...؟" ނާޒިމާގެ މަންމަގެ ހިތުގައި ބިރުވެރިކަމެއް އުފެދިފައިވާތީ  އަނެއްކާވެސް ސުވާލު ކުރިއެވެ.

މަންމަ ދެތިން ފަހަރު އެ ސުވާލު ކުރުމުން، ކަންތައް ހިނގިގޮތް ކުރު ގޮތަކަށް ނާޒިމާ، އޭނާގެ މަންމައަށް ކިޔައިދެމުން ގެންދިޔައިރު ނާޒިމާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ނާޒިމާގެ އެވާހަކަތައް އަޑުއެހުމަށް ނާޒިމާގެ މަންމަ ހާސްވެފައި އިނެވެ.

"މަންމާ...! މިއަދަށްފަހު އަހަންނަކަށް މިގެއަކު ނުހުރެވޭނެ..! މިއަދު ހަވީރުވުމުގެ ކުރިން މިގެއިން ނުކުތުމަށް އަހަރެން ކައިރީގައި އޮތީ ބުނެފަ...! އެހެން ނަމަވެސް އަހަރެން މިގެއިން ގޮސް ވަންނާނެ އެއްވެސް ތަނެއް ނެތް...! މަންމަ، އަހަރެން މިގެއިން ގެންދޭ...! މަންމަ ތި ހުންނަ ތަނަކަށް އަހަރެން ގެންދޭ...! އަހަރެން ބޭނުމެއްނޫން މަގުމަތީގައި އާވާރާވެގެން ގިނަވެގެން އުޅޭ މީހެއްގެ ގޮތުގައި އުޅޭކަށް...!" ނާޒިމާގެ ލޮލުން އަނެއްކާވެސް ކަރުނަތައް ފައިބަން ފެށިއެވެ.

"މި މަންމަ ދުނިޔޭގައި ހުއްޓާ ދަރިފުޅު އާވާރާ މީހެއްގެ ގޮތުގައި މަގުމަތީގައި ހާލުގަ ޖެހިފައި ހުންނާކަށް ނުޖެހޭނެ...! މަންމަ ކައިގެން ހުރިއްޔާ ދަރިފުޅުވެސް ހުންނާނީ ކައިގެން..! މަންމަ ދިރިއުޅެންޏާ ދަރިފުޅުވެސް ދިރިހުންނާނެ..! މަންމަ ވަންނާނެ ތަނެއް ހުރިއްޔާ ދަރިފުޅަށްވެސް އެތަނަކަށް ވަދެވޭނެ..! ދެން ނުރޮއި ހުއްޓާލާ..! މަންމަ މިއަދު މިގެއިން ދާނީ ދަރިފުޅު ގޮވައިގެން..! މަންމައަށް މިގެއަށް މި އާދެވުނީ ދަރިފުޅު މަންމައަށް އެންމެ ބޭނުންވި ވަގުތު..! މަންމައަށް އެނގޭ ދަރިފުޅަށް މިއަދު ތިހާލު ތި ޖެހުނީ ހަމަ މި މަންމަގެ ސަބަބުން ކަން...! މަންމައަށް އެދުވަހު އެހެން ކަންތައް ނުކުރެވުނުނަމަ ދަރިފުޅު މިއަދު ތިހާލުގައި އުޅޭކަށް ނުޖެހޭނެ..! ދަރިފުޅު މަންމައަށް މާފުކުރޭ..! މަންމަ އެހެން ކަންތައް ކުރީ ހަމަ އޭރުވެސް ބުނަމުން ގެންދިޔަ ފަދައިން ދަރިފުޅަށް ރަނގަޅަކަށް...! ދަރިފުޅަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަށް...! އެކަމަކު އާޚިރަތުގައި ކަންތައް މިވީ މުޅިން އިދިކޮޅަށް...! މަންމަ މިގޭ މީހުންނާ ވާހަކަ ދައްކާނަން..! ދަރިފުޅުގެ އެއްވެސް ކުށެއް ނެތްކަން މަންމަ އެމީހުންނަށް ސާބިތު ކޮށްދޭނަން..! އެކަމަކު އެއީ އެމީހުން ކޮންމެހެން ދަރިފުޅު މިގޭގައި ބަހައްޓާނެ ކަމަކަށް ނޫން...! ދަރިފުޅު ދެން މިގޭގައި ހުންނާނެ ކަމެއްނެތް..! މަންމަ މިއަދު ދާނީ ދަރިފުޅު ގޮވައިގެން...!" ނާޒިމާގެ މަންމަ ނާޒިމާގައިގައި ބައްދާލުމަށްފަހު ބުރަށީގައި ފިރުމަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

އެވަގުތު އައިލީން ޖޫސްތަށި ހިފައިގެން ބަދިގެއިން ނުކުތްތަން ފެނުމާއެކު ނާޒިމާ، އޭނާގެ މަންމައާ ދުރުވެލުމަށްފަހު މަންމަ ގޮވައިގެން ގޮސް ސޯފާގައި އިށީނެވެ. އައިލީންވެސް އައިސް ނާޒިމާގެ މަންމައަށް ޖޫސްތަށި ދިއްކޮށްލުމަށްފަހު ގޮސް ސޯފާގެ އަނެއްކޮޅުގައި އިށީނެވެ. އެވަގުތު ގޭތެރޭގައި އިތުރު މީހަކު އުޅޭ އަޑަށް ރާއިފު ވެސް ކޮޓަރިން ބޭރަށް ނުކުމެގެން އައިސް ސޯފާގައި އިށީނެވެ.

"މިއީ ނާޒިމާގެ މަންމަ...!" ރާއިފު އައިސް ސޯފާގައި އިށީނުމާއެކު އައިލީން ނާޒިމާގެ މަންމައަށް އިޝާރާތްކޮށްލުމަށްފަހު ރާއިފު ކައިރީގައި ބުންޏެވެ.

"އެހެންތަ...؟ ނާޒިމާގެ މަންމައާ އަހަރުމެން ދައްކަންޖެހޭ ވާހަކައެއް އެބައޮތް..! އަހަރުމެން މި ނާޒިމާ މިގޭގައި ބަހައްޓައިގެން މި އުޅެނީ ގޭގަ ގެންގުޅޭ ކުއްޖެއްގެ ގޮތުގައެއް ނޫން..! އެއަށްވުރެ މާބޮޑަށް ގާތްކޮށް އަހަރުމެން ނާޒިމާ ގެންގުޅުނީ...! އަހަރުމެން އޭނައަށް ވަރަށް އިތުބާރު ކުރިން...! އޭނައަށް ބޭނުންވާ އެއްޗިހިވެސް ހޯދައިދެމުން ގެންދަނީ ހަމަ އަހަރުމެން...! މިގޭގައި ކުރަންޖެހޭ މަސައްކަތްތައްވެސް އަހަރެންގެ އަންހެނުންނާ ދެމީހުން އެކީ ކުރާނީ..! އެކަމަކު، އަހަރުމެން ނާޒިމާއަށް ކުރި އެ އިތުބާރު އޭނަ ގެއްލުވާލައިފި..! އެހެންވީމަ ދެން އޭނައަށް އިތުރަކަށް މިގޭގައި ހުރުމުގެ ފުރުޞަތެއް މިހާރަކު ނެތް...! އޭނަ ކައިރީގަވެސް އަހަރުމެން މިހެންބުނެފަވާނީ..! އެހެންވީމަ ނާޒިމާގެ މަންމަ މިއަދު އޭނަ މިގެއިން ގެންދޭ...! މިގެއަކުން ދެން އޭނައަކަށް ލިބޭނެ އެއްވެސް އެއްޗެއްވެސް ނޯންނާނެ..! މިއަދަށްފަހު މިގެއިން އޭނައަށް ލިބޭނެ އެއްވެސް ޖާގައެއްވެސް ދެން ނޯންނާނެ..!" ނާޒިމާގެ މަންމައާ ދިމާއަށް ބަލަން އިނދެ ރާއިފު ވާހަކަ ދެއްކިއެވެ.

"އަހަރެންގެ ދަރިފުޅު ކުރީ ކޮންކުށެއްތޯ އަހަންނަށް އަހާލެވިދާނެތަ..؟ ތިބުނާހާވަރުގެ ބޮޑުކުށެއް އަހަރެންގެ ދަރިފުޅު ކުރި ވާހަކަ ދައްކާއިރު، އަހަރެން ބޭނުން އޭނަކުރި ކަމެއް އަހަންނަށްވެސް އެނގިލަން..! ނާޒިމާ ތިކުރި ކަމެއް އަހަންނަށްވެސް އޮޅުން ފިލުވައިދީބަލަ...! އޭރުން އަހަރެން ނާޒިމާ ގޮވައިގެން ހިނގައިދާނަން..!" ރާއިފު އާ ދިމާއަށް ބަލަން އިނދެ ނާޒިމާގެ މަންމަ ވާހަކަ ދައްކަމުން ދިޔައެވެ.

"ކީއްހޭ ނާޒިމާ ކުރީ...؟ އޭނަ މިގޭގަ ނުކުރަނީ ކޮން ކަމެއް..؟ މީހަކު ކުރާނެ އެންމެ ނުބައިކަންތައް އޭނަވަނީ ކޮށްފަ..! ތި ސުވާލުގެ ޖަވާބު ނާޒިމާއަށް ދޭން ކެރޭތޯ ނާޒިމާގެ މަންމަ އަމިއްލައަށް ނާޒިމާ ކުރެން އަހާލަބަލަ...! ނޫނީ ނާޒިމާ، ނާޒިމާގެ މަންމައަށް އެ ސުވާލުގެ ޖަވާބު ދީބަލަ..!" ހިތްހަމަ ނުޖެހިފައިއިން ރާއިފު ނާޒިމާއާ ދިމާއަށް ބަލާލުމަށްފަހު ބުންޏެވެ.

"ތި ބުނާ ކަހަލަ ބޮޑުކަމެއް ނާޒިމާ ނުކުރާނެކަން އަހަންނަށް ޔަޤީން..! އަހަންނަކީ ނާޒިމާގެ މަންމަ...! ނާޒިމާއަކީ އަހަރެން ބަނޑުއަޅައި ވިހޭ ދަރިއެއް..! ނަޒީމާ ކުރާނެ ކަންތަކާއި، ނާޒިމާ ނުކުރާނެ ކަންކަން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭތީ މިހެން މި ބުނަނީ...!" ރާއިފު އެދެއްކި ވާހަކަތަކުން ނާޒިމާގެ މަންމަވެސް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

"އެހެންތަ...؟ ނާޒިމާ ކުރިކަންތައް ނާޒިމާ އަމިއްލައަށް މަންމައަށް ކިޔައިދޭނީތަ...؟ ނޫނީ އަހަރުމެން އެވާހަކަ ނާޒިމާގެ މަންމައަށް ކިޔައިދޭންވީތަ...؟ ހުރިހާ ނުބައިކަމެއްކޮށްފަ އިސްދަށަށް ޖަހައިގެން ތިހެން އެއްޗެއް ނުބުނެ މާ ސާލިހު މީހަކަށް ހެދިގެން އިނީމަ ނާޒިމާ ހީކުރީ ހުރިހާ ކަމެއް ހަމަޖެހުނީ ކަމަށްތަ...! ނުވާނެ އެހެނެއް..! ނާޒިމާ ޖެހޭނީ އެވާހަކަތައް ދައްކަން..! ނާޒިމާ ކުރިކަންތައް ކިޔައިދޭން..! ނާޒިމާ ކީއްވެ ކުރިކަމެއްތަ އެއީ..؟" ރާއިފުގެ އަޑުބާރުވެ ރުޅިގަދަވަމުން ދިޔައެވެ.

"ބަލަ..! އަދި ތިހާ ރުޅިއަންނަވަރު ކަމެއް މިތާކު ނުވެއެއްނު...! ހަމަޖެހިގެން ތިވާހަކަ ދައްކަން ހިނގާބަލަ..! ނާޒިމާ އެވާހަކަ ނުބުނާކަށްވެސް ނޫޅެއެއްނު..!" ރާއިފު އާ ދިމާއަށް ބަލަން އިނދެ ނާޒިމާގެ މަންމަ ވާހަކަ ދެއްކިއެވެ.

"ނާޒިމާއެކޭ ހަމަ ނާޒިމާގެ މަންމައެކޭ އެއްވެސް ތަފާތެއް ހުރިހެނެއް އަހަންނަކަށް ހީއެއްނުވޭ...! ނާޒިމާ އެވަރުގެ ބޮޑު ކަމެއް ކުރިއިރުވެސް ތިބުނަނީ އަދި ރުޅިއަންނާކަށް ނުވެޔޭ...! ބަލަ ރުޅި އަންނަންޖެހޭނީ މީހަކު ކިހާވަރެއްގެ ކަމެއް ކުރީމަތަ...؟" ރާއިފުގެ ބަދަލުގައި މިފަހަރު ޖަވާބު ދިނީ އައިލީން އެވެ.

"މީހުން މީހުން ދެކެ ރުޅި އަންނަންޖެހޭ ކަންކަން ހުންނާނެ ކަމަށް އަހަރެންވެސް ޤަބޫލު ކުރަމޭ..! އެކަމަމު އަހަރެން މިބުނަނީ އަހަރެންގެ ނާޒިމާ އަކީ ތިބުނާ ކަހަލަ ނުބައިކަންކަން ކުރާނެ ކުއްޖެއް ނޫނޭ...! އަހަންނަށް ވަރަށް ރަނގަޅަށް ނާޒިމާ އެނގޭތީއޭ މިހެން މިބުނަނީ...! އެންމެ ރަނގަޅު... ދެން އަހަރެންވެސް ބޭނުމެއްނޫން ތިބުނާހާ ނުބައި މީހަކު މިގޭގަ ބަހައްޓާކަށް...! އަހަރެން މިއަދު މި ގެއިންދާނީ ނާޒިމާ ގޮވައިގެން...! ނާޒިމާ ގޮސް ފޮއްޓަށް އެއްޗިހި އަޅައިގެން އާދޭ ދާން..!" ނާޒިމާގެ މަންމަ ނާޒިމާގެ އަތުގައި ހިފުމަށްފަހު ބުންޏެވެ.

"ނޫން މަންމާ..! އަހަރެން.. އަހަރެން... އަހަރެން ބޭނުމެއްނޫން ކުށްވެރިއެއްގެ ގޮތުގައި ހުރެގެން މިގެއިން ނުކުމެގެން ދާކަށް...! އަހަރެން ބޭނުމެއްނޫން ބައެއްގެ ހިތުގައި އަހަންނާމެދު ހަސަދައެއް އޮންނާކަށް...! މަންމައަށް އެނގެޔެއްނު އަހަރެން އެބުނާވަރުގެ ގޯސްކަމެއް ނުކުރާނެ ކަން..!" ނާޒިމާ އަށް ރޮވެން ފެށިއެވެ.

"މަންމައަށް ތިކަން އެނގެޔޭ...! މަންމަ ނާޒިމާއަށް ވެސް އިތުބާރު ކުރަމޭ...! ނާޒިމާ ތި ކުރި ކަމެއް ތިކުރީ ކީއްވެ ކަން ކިޔައިދޭންވީ މި މީހުނަކަށްނު..." އައިލީން އާ ދިމާއަށް ބަލާލުމަށްފަހު ނާޒިމާގެ މަންމަ އަނެއްކާވެސް ބުންޏެވެ.

މަންމަ ނާޒިމާއަށް އެކުރާ އިތުބާރާއި، މަންމަގެ އެ އޯގާތެރި ވާހަކަތަކުން ނާޒިމާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އަދި އިތުރު ބާރެއްވެސް ލިބުނެވެ. ނާޒިމާ މަޑުމަޑުން އިސްއުފުލާލުމަށްފަހު އައިލީން އާއި ރާއިފުގެ މޫނަށް ބަލާލިއެވެ.

"އެއީ އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން...! އަހަރެންގެ މައިވަންތަ ކަމުގެ ބާރުގަ އަހަރެން އެއްވެސް އިޚްތިޔާރަކާނުލާ ވީކަމެއް..! އެއްވެސް މަޔެއްގެ ލަގޮނޑިއަކަށް ކެތެއް ނުވާނެ އެމީހަކު ބަނޑުއަޅާ ވިހޭ ދަރިޔަކު ބަނޑުހައިވެގެން ރޯ އިރު އެތަން ބަލަން ހުންނާކަށް...! ހީކޮށްލާ އަހަންނަށްވެސް ވީ އެހެންނޭ..!" ނާޒިމާއަށް އޭނާގެ މަންމަގެ ފަރާތުން ލިބުނު ހިތްވަރާއެކު ވާހަކަ ދެއްކިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 26 ޑިސެމްބަރު، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް