އައްޑޫ ސިޓީން ގެއްލުނު ޒުވާނާ ހޯދުމުގައި ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތާމެދު އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

އިހި ނަގަން އުޅެނިކޮށް އައްޑޫ ސިޓީން ގެއްލިފައިވާ ޒުވާނާ ހޯދުމުގައި ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތާމެދު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މަހުގެ 21 ވަނ...

24 Dec 2023 | 17:04

އިހި ނަގަން އުޅެނިކޮށް އައްޑޫ ސިޓީން ގެއްލިފައިވާ ޒުވާނާ ހޯދުމުގައި ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތާމެދު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނީ ސ.މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނައީޝްއެވެ.

އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ޒުވާނަކު ގެއްލި 72 ގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ދައުލަތުގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ވަސީލަތްތަކެއް އެ ޒުވާނާ ހޯދުމަށް ބޭނުން ނުކުރުމަކީ އެމްޑީޕީ އިން ދެކޭގޮތުގައި އިންތިހާއަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

އެމްޑީޕީއިން ބުނީ ދިވެއްސެއްގެ ފުރާނައަށްވުރެ ސިޔާސީ އެޖެންޑާއެއް އިސްކުރުމަކީ އެ ޕާޓީ އިން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. ނާއިޝް ހޯދުމުގެ އޮޕަރޭޝަނުގައި މިވަގުތު ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތްތަކުގެ ބޭނުން ހިފުމަށް އެމްޑީޕީ އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ރާއްޖޭގެ ސިފައިންނާއި ބޭރު ގައުމުތަކާއެކު ގުޅިގެން ކުރިއަށް ގެންދިޔަ މިފަދަ 1996 އޮޕަރޭޝަނެއްގައި 3452 މީހުން ސަލާމަތްކުރެވިފައި ވުމަކީ އެ ވަސީލަތްތައް ބޭނުންކުރުމުން އޮޕަރޭޝަންތަކުގެ ކާމިޔާބީގެ ރޭޓު މަތިކަން ހާމަކޮށްދޭ ކަމެއް ކަމަށް އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީ އިން އިތުރަށް ބުނީ ރާއްޖޭގެ އިދާރާތަކުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގޭނެ ވަރަށް ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ފުރިހަމަ ނުވަނީސް އެ ވަސީލަތްތަކާއި ފަންނީ ލަފާ އޮޕަރޭޝަންތަކުގައި ބޭނުން ނުކުރުމަކީ އޮޕަރޭޝަންތައް ކާމިޔާބު ކުރަން ދަތިވާނެ ކަމެއް ކަމަށް އެ ޕާޓީ އިން ދެކޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް