ކުރިން އެއް މިނިސްޓްރީއެއްގެ ގޮތުގައި ހިންގި ޔޫތު މިނިސްޓްރީ މި ސަރުކާރުން ދެ މިނިސްޓްރީއަކަށް ބަދަލުކުރުމުގައި، ބޮޑު ވައްކަމެއް ކޮށްގެން އުޅޭކަމުގެ ތުހުމަތުތައް މީސްމީޑިއާގައި ވަނީ ފެތުރިފައެވެ.
އެގޮތުން، މި ސަރުކާރުން ޔޫތު މިނިސްޓްރީ ދެ މިނިސްޓްރީއަކަށް ބަދަލުކުރި މަރުހަލާގެ ތެރޭގައި ހަ މޮނިޓަރާއި ދެ ސީޕީޔޫ އަދި 65 އިންޗީގެ ޓީވީއެއް ގެއްލިފައިވާކަމުގެ ތުހުމަތުތައް، މިނިސްޓްރީގެ ސިޔާސީ އިސްވެރިންގެ ބޮލުގައި ވަނީ އެޅުވިފައެވެ. އެތަކެތި ގެއްލުނު މުއްދަތު ވީޑިއޯ ފުޓޭޖުތަކުންވެސް ފެންނާކަށް ނެތެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޔޫތު މިނިސްޓްރީ ބަދަލުކުރީ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ނަމަށެވެ. ސްޕޯޓްސް މިނިސްޓްރީ ބަދަލުކުރީ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނަމަށެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ގެނެވުނު ބަދަލާއެކު ވުޒާރާތަކުގެ ދަށުގައި ހުރި ތަކެތި ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ވުޒާރާތަކުން އިސްވެތިބެ ކަމަށެވެ. އެގޮތުން، މިއިން އެއްވެސް މަރުހަލާއެއްގައި، ވުޒާރާއަކުން ތަކެތި ގެނައުމާއި ހަވާލުވުމުގައި ޔޫތު މިނިސްޓްރީގެ އެއްވެސް ސިޔާސީ މުވައްޒަފެއް ބައިވެރިވެފައި ނުވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޔޫތު މިނިސްޓްރީން ބުނީ މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބައެއް ތަކެތި، ދެ ވުޒާރާ ބަދަލުވުމުގައި ގެއްލިފައިވާކަމަށް ޔޫތު މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން އެކަން ހިނގި ގޮތް ބަލާ ތަހުގީގު ކުރުމަށް އިންޓާނަލް އިންވެސްޓިގޭޝަނެއް މިހާރު ފަށާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް