ރަސްމާލެ މަޝްރޫޢު: 6 ދުވަސްތެރޭގައި 10 ހެކްޓަރު ހިއްކައިފި

ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ރަސްމާލެ މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައ...

24 Dec 2023 | 13:19

ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ރަސްމާލެ މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ތަސައްވުރުކަން ފާހަގަކުރައްވާ އިޤްބާލް ވިދާޅުވީ ސިއްޙީ ޚިދުމަތްތަކާއި ތަޢުލީމާއި ވަޒީފާގެ ފުރުސަތުތައް ލިބެނީ މާލެއިން ނަމަވެސް، ގިނަ ބަޔަކަށް މާލެއަށް ހިޖުރަ ނުކުރެވެނީ މާލެ ތޮށްޖެހިފައިވުމުން ކަމަށެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢަކީ މިއަދާ ހަމައަށް ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢުއެވެ. މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން 8 މަސްދުވަހުގެ ތެރޭގައި ހިއްކާ ނިންމާލެވޭނެ ކަމަށް މި މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަސްމާލެއާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމާއި މިހާރު އޮތް ހުޅުމާލެއާއެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މި ފަސް އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ އެކި މަޝްރޫޢުތަކުން މުޅި ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލަ ދާއިމަށް ހައްލުގެނެސް ދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް