މި ޗުއްޓީތެރޭގައި ގިނަ އަދަދެއްގެ މީހުން ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާނެ ދުވަސްތަކަކަށް ވާނެތީއާއި، ކުރިއަށް އޮތް ދުވަސްވަރުގައި ރާއްޖެއިން އުމްރާގެ އަޅުކަމަށް ގިނަ އަދަދެއްގެ މީހުން ގޮސް އައިސްވާނެ ދުވަސްތަކަކަށް ވާތީ، އަރުދަފުސް ރޯގާ، ވައިރަލް ހުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ގައިންގަޔަށް އަރާ ބަލިތައް އިތުރުވާނެކަމަށް ބެލެވޭކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ މިހިނގާ ޑީސެމްބަރު މަހުގެ ތެރޭގައި ކޮވިޑް-19 ގެ އާ ވޭރިއަންޓް JN.1 ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެނި، ކޮވިޑް-19 ފެތުރުންވެސް އިތުރުވެފައިވާކަމަށެވެ. އަދި މިފަދަ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ތިރީގައި ދަންނަވާފައިވާ ކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ ފަރުދުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން،
- އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ކުޑަ ރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުން. އަދި ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރިކަމާއެކު ކުނިވަށިގަނޑެއް ފަދަ އެއްޗަކަށް އެއްލާލުން.
- އާންމު ސާފުތާހިރުކަމަށް ސަމާލުވުން އަދި ހާއްސަކޮށް، ސައިބޯނިލައިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުން.
- ރޯގާޖެހި ކެއްސާނަމަ، އަނގަޔާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުން.
- ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
- އެފަދަ އެއްވެސް ބައްޔެއްގެ އަލާމާތެއް ހުރިނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނުހެދުން.
- ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާއާއެކު ވީހާވެސް މަދު މީހުން ދިއުން. އަދި ބަލި މީހުންނަށް ޒިޔާރަތްކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުން. އަދި ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން.
- ރޯގާޖެހި، ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން. އަދި ވީހާވެސް ބޮޑަކަށް އެހެން މީހުންނާ އެކަހެރިވުން.
- އުމުރުން ދުވަސްވީ މީހުންނާއި ގިނަ ބަލިތަކަށް ބޭސްކުރާ މީހުން ކޮވިޑް-19 ވެކްސިން ޖެހުން.
- އުމުރުން ދުވަސްވީ މީހުންނާއި 5 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން އިންފްލުއެންޒާ އިން ރައްކާތެރިވުމަށް އިންފްލުއެންޒާ ވެކްސިން ޖެހުން.
އެޗްޕީއޭ އިން ބުނީ މީގެ އިތުރުން މަދިރިން ޖެހޭ ބަލިތަކަށް ރައްކާތެރިވުމަށް މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް އެއްޗިއްސާއި ތަންތަން ނުބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި ޗުއްޓީ ހޭދަކުރުމުގެ އެކި ކަންކަމުގައި ކާބޯތަކެތީގެ ތަފާތު ބާވަތްތައް ބޭނުންކުރުމުގައާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުވުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް