މާލެ ސަރަހައްދުން ފައިލޭރިޔާގެ ހަތް ކޭސް ފެނިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ ފައިލޭރިޔާ ކޭސްތައް މާލެ ސަރަހައްދުން ފެނުމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި ހުޅުމާލެއިން ފަސް ކޭސް، ގުޅީފަޅުން އެއް ކޭސް އަދި މާލެއިން އެއް ކޭސް، އެކުޖުމްލަ ދަ ގްރޭޓާ މާލެ އޭރިއާ (މާލެ ސަރަހައްދު) އިން ހަތް ކޭސް މިވަނީ ފެނިފައެވެ.
މާލެ ސަރަހައްދުން ފައިލޭރިޔާގެ ހަތް ކޭސްއެއް ފެނިފައިވާއިރު ރާއްޖެއިން މިފަހަރު ފެނުނު ކޭސްތަކުގެ ޖުމްލަ އަދަދު މިހާރު މިވަނީ 32 އަށް އަރާފައެވެ އެއީ ކުޅުދުއްފުށި ސިޓީއިން 25 ކޭސް އަދި މާލެ ސަރަހައްދުން ހަތް ކޭހެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދުގައި ބިދޭސީ މަސައްކަތްތެރީންގެ 89 މީހަކު ފައިލޭރިޔާއަށް ޓެސްޓު ކުރިއެވެ. އެއީ ހުޅުމާލެއިން 29، ވިލިމާލެއިން 10، ގުޅީފަޅުން 20، ތިލަފުށިން 15، އަދި މާލެއިން 15 އެވެ. އޭގެ ތެރެއިން ހުޅުމާލެއިން ފަސް މީހަކު، ގުޅީފަޅުން އެކަކު އަދި މާލެއިން އެކަކު ޕޮޒިޓިވް ކަމަށް ބުނެފައިވެއެވެ.
މިހާތަނަށް ދިވެއްސަކު ޕޮޒިޓިވް ވެފައިނުވާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނެފައިވަޏީ ޕޮޒިޓިވް ނަތީޖާތަކަށް ބަލާއިރު އޭގެތެރޭގައި ހިމެނެނީ އިންޑިޔާގެ އުއްތުރަ ޕްރަދޭޝްގެ 10 ފަރާތަކާއި، އިންޑިއާގެ ބިހާރުގެ 18 ފަރާތަކާއި، އިންޑިއާގެ ޓެމިލްނާޑޫގެ އެއް ފަރާތަކާއި، އިންޑިއާގެ ގޯޕާލްގަންޖުގެ އެއް ފަރާތެއްގެ އިތުރުން ބަންގްލަދޭޝްގެ ދެ ފަރާތެކެވެ.
"ފައިލޭރިޔާއަށް ޕޮޒިޓިވްވާ ފަރާތްތަކަށް ބޭސްފަރުވާކުރުމުގެ ކަންކަން، ކުރިޔަށް ގެންދެވެނީ މި އިދާރާގެ ބެލުމުގެ ދަށުން، މިހާތަނަށް ޕޮޒިޓިވް ވި ހުރިހާ ފަރާތްތަކަށްވެސް ވަނީ ބޭސް ދެވިފައި" އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ ފައިލޭރިޔާއަށް ޓެސްޓް ކުރުމުގެ މަސައްކަތް ފުޅާކޮށް ދިވެހީންނާއި ބިދޭސީން ހިމެނޭހެން ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށާއި އެހެންކަމުން ޓެސްޓް ކުރުމުގެ މަސައްކަތްތަކަށް އެންމެހާ ރައްޔިތުންނާއި ކަމާއިގުޅުންހުރި އިދާރާތަކުން އެއްބާރުލުންދިނުމަކީ އެޗްޕީއޭގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް